ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކުރުމަށް އެމްޑީޕީން އެދިއްޖެ އެވެ.

އީވާގެ މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްވަނީ މަޖިލީހުގެ އަމީން އާންމަށް ސިޓީއެއް ފޮނުވާފަ އެވެ.

އެސިޓީގައި އަސްލަމް ވިދާޅުވީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާ ކުރެވޭ އެއްވެސް ހާލަތެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބުމުން އެ ގަރާރު ލިބޭތާ މަދުވެގެން ތިން ދުވަސް ތެރޭގައި އެ ގަރާރުގެ ނޯޓިސް ދޭ ދުވަހުން ފެށިގެން 14 ދުވަހަށްފަހު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހަޅަންޖެހޭ ކަމަށް ސިޓީގައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކުރި އެވެ. އެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ނެގީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާ ނުނިމޭތީ ކަމަށްބުނެ އެވެ.

އީވާގެ މައްސަލަ އެޖެންޑާކުރަން އެދިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށްވަނީ ވައްދާފަ އެވެ.