މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން 3 ޖަލްސާއަށްވުރެ އިތުރަށް ރައީސް ނަޝީދަށް ތަނާޒުލް ނުވެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ އަދި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ރޮޒޭ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައި ވަނިކޮށް، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އުޒުރުވެރިވެވަޑައިނުގެންނެވޭނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައިވާ ކަމަށެވެ.

މި ހާލަތުގައި ނަޝީދު ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގަތުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށް ބަޔާންކޮށް ފިލްޒާ ލަފާ ދެއްވާފައިވާކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

"... އެއް ކަމަކަށް މަޖިލީހުގެ ގަވައިދުގައި އެބަ އޮވޭ، ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސަށް. އެކަމަކުން މަޖިލީހުގެ ރައީސަށް އަސްލުގައި ތަނާޒުލެއް ނުވެވޭނެ." އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ތަނާޒުލް ވާކަމަށް ވިދާޅުވެ މަޖިލީހުގެ އަމީން އާންމަށް ސިޓީއެއް ފޮނުވާފަ އެވެ. އެއީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިމެންދެން ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ރޮޒައިނާ އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ މި ހަފްތާއިން ފެށިގެން އެ މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ނުވާނެ ކަމަށެވެ.