ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓްރީޓް ވިލިއަމްސް އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

އުމުރުން 71 އަހަރުގެ އެކްޓަރު ޓްރީޓް މަރުވެފައިވަނީ އޭނާ ދުއްވާފައި ދިޔަ ސައިކަލު ކުރިމަތިން ދުއްވާފައި އައި ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި އެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 5:00 ޖަހާއެހާއިރު ރޫޓް 30ގެ ލޯންގް ޓްރޭލް އޮޓޯ، ޑޯސެޓް ހިސާބުގައި އެވެ.

1975 ވަނަ އަހަރު "ޑެޑްލީ ހީރޯ" އިން ފިލްމީ ދާއިރާއަށް ތައާރަފުވި ޓްރީޓް ވަނީ މަގުބޫލު އެތަކެއް ފިލްމުތަކަކާއި ސީރީޒްތަކެއް ކުޅެފަ އެވެ. މީގެ ތެރޭގައި "ހެއާ"، "ދަ އީގަލް ހޭޒް ލޭންޑަޑް"، "1941"، "ޕްރިންސް އޮފް ދަ ސިޓީ"، "ސްމޫތް ޓޯކް"، "ޑެވިލްސް އޯން"، "ދަ ޑީޕް އެންޑް އޮފް ދި އޯޝަން"، "ދަ ސަބްސްޓިޓިއުޓް" ގެ ފިލްމްތައް، "ވަޓް ހެޕަންސް އިން ވޭގަސް" ފަދަ ފިލްމްތައް ހިމެނެ އެވެ.

ޓްރީޓް ވިލިއަމްސްގެ ސީރީޒްތަކަށް ބަލާއިރު "ވައިޓް ކޮލާ"، "ޝިކާގޯ ފަޔާ"، "ބްލޫ ބްލްޑްސް"، "އެމެރިކަން އޮޑީސޭ" އަދި "ޗޭސާޕީކް ޝޯޒް" ފަދަ ސީރީޒްތަކުގައި މައިގަނޑު ނޫނީ މުހިއްމު ރޯލްތައް އަދާކޮށްފައިވެ އެވެ. އަދި "އަ ސްޓްރީޓް ކާ ނޭމްޑް ޑިޒަޔާ"، "ޑެޑްލީ މެޓްރިމޮނީ"، "ދަ ލޭޓް ޝިފްޓް"، "ދަ ސްޓެއާކޭސް މާޑާޒް"، "ދަ ނޮއެލް ޑަޔަރީ" ފަދަ ފިލްމްތަކާއި ހޯލްމާކް ފިލްމް ކުޅެފައިވެ އެވެ.

ޓްރީޓް މަރުވިއިރު އޭނާގެ އަންހެނުން ޕޭމް ވޭން ސާންޓް އާއި ދެ ކުދިން، ގިލް އާއި އެލެނޯ ދުނިޔޭގައި އެބަތިއްބެވެ.