ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގުލްއިން އައްޑޫ ސިޓީގައި ގާއިމުކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވޯކް ފެސިލިޓީއަށް ދޫކުރާ ބިމުން، އައްޑޫ ސިޓީ ކައުންސިލަށް ކުލި ނަގާނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއަކީ އޮމާނާއި، ރާއްޖެ އަދި އޮސްޓްރޭލިއާގެ ކްރިސްމަސް އައިލެންޑްސް ކަނޑުއަޑީގެ ކޭބަލް ސިސްޓަމަކުން ގުޅާލުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. "ދިވަރު" ގެ ނަމުން ނަންދެވިފައިވާ މި ކޭބަލް މަޝްރޫއު ގޫގުލްއާއި ދިވެހި ސަރުކާރުން ރަސްމީކޮށް އިއުލާނުކުރީ 17 ނޮވެމްބަރު 2025 ގައެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫއިން 160,000 އަކަފޫޓު (1.5 ހެކްޓަރު) ގެ ބިމެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ އެދިފަ އެވެ. މޭޔަރު ނިޒާރުގެ ފޭސްބުކް ޕޭޖުގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެ ބިމަކީ އައްޑޫގެ ރައްޔިތުންގެ މިލްކަކަށް ވާއިރު، އެ ބިމުން ރައްޔިތުންނަށް މަންފާ ލިބެންޖެހޭނެ ކަމަށެވެ.
ގޫގުލް ބިމުން ލިބެންޖެހޭ ކުލި އައްޑޫ ސިޓީ ކައުންސިލަށް ހޯދުމަށްޓަކައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ނިޒާރު ވަނީ ދެއްވާފަ އެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެއީ ކިތަންމެ ބޮޑު އިންވެސްޓްމެންޓަކަށް ވީނަމަވެސް، އެ އިންވެސްޓްމެންޓާ އެކަށޭނަ ކުއްޔެއް ކައުންސިލަށް ލިބެންޖެހޭނެއެވެ.
ގޫގުލްއިން މި މަޝްރޫއު ސިފަކުރަނީ އެ ކުންފުނީގެ އަމިއްލަ އިންވެސްޓްމެންޓެއްގެ ގޮތުގަ އެވެ. މި މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީ ވެގެންދާނީ ބައިނަލްއަގުވާމީ "ކަނެކްޓިވިޓީ ހަބެއް" ކަމަށާއި، މިއީ އެ ކުންފުނީގެ އިންފްރާސްޓްރަކްޗާ ފުޅާކުރުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެއް ކަމަށް ގޫގުލްއިން ބުނެއެވެ.
ނިޒާރު ވިދާޅުވީ މިހާރު ބައެއް އެއްބަސްވުންތައް ހަދައިގެން ހިލޭ ބިން ނަގައިގެން ތިބި ނަމަވެސް، ކައުންސިލުން ކުލި ނަގާނެ ކަމަށާއި އެކަމަށް ތައްޔާރުވެގެން ތިބުމަށް ގޫގުލްގެ ވެރިންނަށްވެސް ދަންނަވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އަންދާޒާއަކީ މި ބިމުގެ ކުލީގެ ގޮތުގައި މަހަކު 1.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެއީ އަހަރަކަށް ބަލާއިރު ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
ކެންސަރުގެ ފަރުވާއާ ބެހޭގޮތުން އާއްމުކޮށް ކުރެވޭ ކުށްހީތަކެއް!