އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާ ސިޓީތައް ލިބިވަޑައިނުގަންނަވަތީ، ރައީސް އޮފީހުގައި ތިއްބަވައިގެން އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ސިޓީއެއް ލިޔުއްވައި ރައީސް އޮފީހަށް ހަވާލުކޮށްފި އެވެ.

ރައީސް ސޯލިހާ ބައްދަލުކުރުމަށް ރައީސް އޮފީހަށް އިދިކޮޅު ކޯލިޝަނުން ދާތާ ހަތަރު ދުވަސް ވެއްޖެ އެވެ. ރަސްމީކޮށް އެޕޮއިންޓްމެންޓް ނުހައްދާތީ އެއްވެސް ދުވަހަކު ރައީސްއާ ބައްދަލެއް ނުވެ އެވެ. އަދި ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް އެދި ފޮނުވާ ސިޓީ ލިބިފައިނުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ތިއްބަވައިގެން ރައީސް ސޯލިހަށް ސިޓީއެއް ލިޔެ ރައީސް އޮފީހަށް ވަނީ ހަވާލުކޮށްފަ އެވެ

ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމު ސޮއިކުރައްވައި ހަވާލުކުރެއްވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ރައީސާ ބައްދަލުކުރެއްވުމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ރައީސް އޮފީހަށް ވަޑައިގަންނަވާތާ މިއަދަށް ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ރައީސާ ބައްދަލުނުކުރެއްވޭކަން ފާހަގަކުރައްވައި އަދުރޭގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ ބައްދަލުކުރައްވަން އިދިކޮޅުން އެދެނީ ވަރަށް މުހިއްމު ސަބަބުތަކެއް ހުރުމުން ކަމަށެވެ.

މި ސިޓީގައި ވަނީ އިދިކޮޅު ލީޑަރު ކަމުގައިވާ ކުރީގެ ރައީސް ޔާމީނަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން އަނިޔާކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ރައީސް ޔާމީން ޖަލަށްލުމަށްފަހު ދިވެހިންގެ މަސްކަނޑާއި ބިންތަކާއި މިނިވަންކަން ރައީސް ސޯލިހު ވިއްކަވައިލައްވަމުންދިއުމަކީވެސް އެމަނިކުފާނާ ބައްދަލުކުރަން އިދިކޮޅުން ބޭނުންވާ ސަބަބެއްކަމަށް އެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށްވާ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެންނެވުމަށްފަހު ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިނުގެން ރައީސް އިބްރާހީމު ފިއްލަވައިގެން އުޅުއްވާކަމަށްވެސް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

އަދި ރައީސް އޮފީހުގައި ތިއްބަވައިގެން އަތްޕުޅުން ސިޓީއެއް ލިޔުއްވައި ހަވާލުކުރައްވަން ޖެހިވަޑައިގަތީ ރަސްމީ ޕްރޮޓޮކޯލުގެ ތެރެއިން މަސައްކަތްކޮށްގެން ކުރިއެރުމެއް ނުލިބުމުންކަމަށާއި، މީގެ ކުރިންވެސް ރައީސް ސޯލިހާ ބައްދަލުކުރައްވަން އެތައް ސިޓީއެއް ފޮނުއްވާފައިވާކަމަށް އަދުރޭގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

ވ.އާރަށުގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފީ ޝަރީއަތްތައް ވީހާވެސް ގިނައިން ބާއްވާ ދެއްވުމަށް އެމަނިކުފާނު ވަނީ ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މި ހުކުމް އިސްތިއުނާފްކުރުމަށް ވަނީ ހުށަހަޅާފަ އެވެ.