މަނީ ލޯންޑްރިންގެ ތުހުމަތާއި ބައުންސް ޗެކްތަކެއް ދޫކުރި ކަމަށް ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ އަމީޝާ ޕަޓޭލް އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ އެވެ.
ފިލްމު "ކަހޯ ނާ ޕިޔާރް ހޭ" ރިތިކް ރޯޝަނާ އެކު ބޮލީވުޑަށް ތައާރަފުވި ބަތަލާ އަމީޝާގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތާއި ބައުންސް ޗެކްތަކެއްގެ މައްސަލަ ފެންމަތިވެފައިވަނީ 2018 ވަނަ އަހަރު އެވެ. އެއީ އެމައްސަލާގައި ޕްރޮޑިއުސަރު އަޖޭ ކުމާރު ސިންގް އަމީޝާގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހެޅުމުންނެވެ.
އަޖޭ ކުމާރު ބުނި ގޮތުގައި އަމީޝާ އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ކުނާލް ގޫމަރު ވަނީ "ދޭސީ މެޖިކް" ގެ ނަމުގައި ފިލްމެއް ހަދަން 2.5 ކްރޯޑްގެ ލޯނެއް ނަގައިފަ އެވެ.
ނަމަވެސް އެ ފިލްމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައި މިހާތަނަށް، ރިލީޒް ކުރެވިފައި ނުވާ އިރު، ލޯނަށް އިންޓްރަސްޓާ އެކު ދައްކަން ޖެހޭ ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށް އަޖޭ ބުންޏެވެ. އޭނާ ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އެތައް ފަހަރަކު އަމީޝާ އަށް ނޯޓިސް ފޮނުވާފައިވާ އިރު، އޭނާ ދެ ފަހަރެއްގެ މަތިން ދޫކުރި ޗެކް ވެސް ވަނީ ބައުންސްވެފަ އެވެ.
ރަންޗީ ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މިމައްސަލާގެ އެންމެ ފަހުގެ އަޑު އެހުން އިއްޔެ ވަނީ ބާއްވާފަ އެވެ. އެއަޑު އެހުމަށް އަމީޝާ ކޯޓަށް ހާޒިރުވުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަމީޝާ ފުލުހުން ހައްޔަރުކުރީ މީގެ ކުރިން ބޭއްވި ޝަރީއަތްތަކަށް އޭނާ ހާޒިރުވެފައިނުވާތީ އެވެ. އަމީޝާ ހައްޔަރުކުރުމާއެކު އޭނާގެ ފަރާތުން ކޯޓުގައި ވަނީ ބެއިލްއަށް އެދިފަ އެވެ. ކޯޓުން ވަނީ އަމީޝާ އެދުނު ގޮތަށް ބައިލްދީފަ އެވެ. އެހެން ނަމަވެސް މިމަހުގެ 21 ވަނަ ދުވަހު އޮންނަ ޝަރީއަތަށް ހާޒިރުވުމަށް އަންގާފައި ވެއެވެ.
މިއީ އަމީޝާއަށް ޗެކް ބައުންސް މައްސަލަ ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. ނޮވެމްބަރު 2021 ގައި ވެސް ޔޫޓީއެފް ޓެލެފިލްމްސް އަށް 32.25 ލައްކަ ރުފިޔާގެ ބައުންސް ޗެކެއް ދިން މިފަދަ ހާދިސާއެއްގެ ސުރުޚީތަކަށް އަރާފައިވެ އެވެ.
ދެހާސް ވަނަ އަހަރު ބޮލީވުޑަށް ނުކުތް އަދި މިހާރު އުމުރުން 47 އަހަރުގެ ބަތަލާގެ ފިލްމީ ކެރިއަރު ވަނީ ވަރަށް ކުރީކޮޅު އަޑިއަޅާލައިފަ އެވެ.
އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2019 އަހަރު ރިލީޒް ކުރި ސަނީ ޑިއޯލްގެ "ބައްޔާޖީ ސުޕަހިޓް" އިންނެވެ. އަމީޝާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2001 ގެ "ގަދަރު: އޭކް ޕްރޭމް ޙަތާ" އެވެ.
މީގެ 22 އަހަރު ކުރިން ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލި ފިލްމު "ގަދަރް" ގެ ދެވަނަ ބައި އަމީޝާ ފެނިގެންދާއިރު މިފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ.