ބޮލީވުޑްގެ ތާރީހުގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އޮމްކާރާ"ގައި "ލަންގްޑާ ތިއާގީ" ގެ އާދާޔާހިލާފު ރޯލުން އާންމުންގެ ބޮޑު ތަރުހީބެއް ހޯދި މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން، އެ ފިލްމުގެ މައި ރޯލު ކުޅެން ހުށައެޅުމުން ޑައިރެކްޓަރު ވިޝާލް ބާދްވާޖް އިންކާރުކުރި ސަބަބު ހިއްސާ ކޮށްފި އެވެ.

ޝޭކްސްޕިއާގެ ވާހަކަ "އޮތެލޯ" އަށް ބިނާކޮށް 2006 ވަނަ އަހަރު ނެރުނު މި ފިލްމުގައި، މައި ކެރެކްޓަރު "އޮމްކާރާ"ގެ ރޯލު ކުޅެފައިވަނީ އަޖޭ ދޭވްގަން އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސައިފް އަލީ ޚާން ބުނެފައިވަނީ، ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު އޭނާ ބޭނުންވީ އަޖޭ ދޭވްގަން ކުޅުނު މައި ރޯލު، "އޮމްކާރާ" ގެ ރޯލު ކުޅެން ކަމަށެވެ. ނަމަވެސް، ޑައިރެކްޓަރު ވިޝާލް ބާދްވާޖް ވަގުތުން އެކަމަށް އިންކާރުކުރި އެވެ.

"އަހަރެން ވިޝާލް ކައިރީގައި ބުނިން، އަހަރެން ބޭނުމީ އޮމްކާރާގެ ރޯލު ކުޅޭށޭ. ނަމަވެސް ވިޝާލް ބުނީ އަހަންނަކީ މާ ރީތި މީހެކޭ. އޭނާ ބޭނުންވީ އެ ރޯލަށް އިރުމަތީ އުއްތަރަ ޕްރަދޭޝްގެ އަނދިރި، އަދި ހަރުކަށި ސިފައެއް ހުންނަ މީހެއް،" ސައިފް ކިޔައިދިނެވެ.

ވިޝާލް ގަބޫލުކުރި ގޮތުގައި ސައިފްގެ "ޗާމިންގް" އަދި "ރޯޔަލް" ސިފައާ އެންމެ ގުޅެނީ "އިއާގޯ"ގެ ކެރެކްޓާ މައްޗަށް ބިނާކޮށްފައިވާ ނުބައި ބައި ކެރެކްޓަރު "ލަންގްޑާ ތިއާގީ"ގެ ރޯލެވެ.

ސައިފްގެ ފިލްމީ ހަޔާތުގައި "ލަންގްޑާ ތިއާގީ"ގެ ރޯލަކީ އޭނާގެ އެކްޓިންގް ކެރިއަރު މުޅިން ބަދަލު ކޮށްލި ރޯލެކެވެ. މީގެ ކުރިން އާންމުކޮށް "ރޮމެންޓިކް ހީރޯ" އެއްގެ ގޮތުގައި ފެނުނު ސައިފް، މި ފިލްމުގައި ދެއްކި މޮޅު އެކްޓިންއަށް ގައުމީ ފިލްމީ އެވޯޑު އަދި ފިލްމް ފެއާ އެވޯޑުވެސް ލިބުނެވެ.

ސައިފް އިތުރަށް ބުނީ، ވިޝާލް ބާދްވާޖްގެ އެ ނިންމުމަކީ އޭނާގެ ފިލްމީ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު އެއް ނިންމުން ކަމަށާއި، ލަންގްޑާ ތިއާގީގެ ރޯލުން އޭނާއަށް ކުރެވުނު ތަޖުރިބާއަކީ އަގު ނުކުރެވޭނެ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.