ސުޕްރީމް ކޯޓާ ހަމައަށް ނުގޮސް މަޖިލިސް ހުޅުވޭތޯ ބަލަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ކަނޑަނޭޅި މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވަނިކޮށެވެ.

މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްކޮށް ހުށަހަޅައިގެން މަޖިލިސް ހުއްޓުމަކަށް އަންނަންޖެހޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ގޮތް ދޫކުރައްވާފައި މަޖިލީހަށް ވަޑައިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސްދެއްވުމުން މައްސަލަ ހައްލުވީކަމަށެވެ.

އަސްލަމް ވިދާޅުވީ މައްސަލަ ހައްލުކުރަން އޮޕްޝަންސްތަކެއް އެބަ ހުރިކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓަށް ދިޔުމަކީ އެއް އޮޕްޝަންކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލާސްޓް ރިސޯޓަކީ ސުޕްރީމް ކޯޓަށް ދިޔުން. އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން މިއީ ދައުލަތުގެ އެއް ބާރަށް ވެފައި މިތަނުން މިތަނުގެ ކަންކަން ހަމަޖެއްސޭނެ މަގެއް ފެނޭތޯ އަޅުގަނޑުމެން ބަލާނަން" އަސްލަމް ވިދާޅުވި އެވެ.

އެހެންނަމަވެސް މައްސަލަ ހައްލު ނުވެ ގިނަ ދުވަހަށް ދެމިގެން ދާނަމަ ދައުލަތުގެ ކޮންމެވެސް އެއް ބާރަކުން މިމައްސަލަ ހައްލު ކުރުމަށް އެހީތެރިކަން ހޯދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.