ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށްދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ފުލުފުލުގައި ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ތާވާލުކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އީދު ބަންދަށްފަހު ކުރިމިނަލް ކޯޓުން ވަނީ މިމައްސަލާގެ ގިނަ އަޑުއެހުންތަކެއް ތާވަލުކޮށްފަ އެވެ.
ކުރިމިނަލް ކޯޓުން ބުނީ މިމައްސަލާގެ އަޑު އެހުމެއް އަންނަ މަހުގެ ދެވަނަ ދުވަހަށް ތާވަލުކޮށް ޗިޓް ވަނީ ފޮނުވައިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ އަންނަ މަހުގެ 2، 4، 6، 9، 11 އަދި 13 ވަނަ ދުވަހަށް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފަ އެވެ. މިކަން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ކަށަވަރުކޮށްދީފަ އެވެ.
ކްރިމިނަލް ކޯޓުން ޝަރީއަތުގެ އަޑުއެހުންތައް ފުލުފުލުގައި ތާވަލުކުރިއިރު އެހެން ރަށެއްގެ މައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ހައި ކޯޓުގައި ވެސް ދަނީ ކުރިއަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް އީދު ބަންދަށް ފަހު، އަންނަ މަހުގެ ތިންވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
ޔާމީންގެ އިސްތިއުނާފީ ޝަރީއަތް އަވަހަށް ނިމުމަށް އެ މަނިކުފާނު ވެސް ކޯޓުގައި އެދިވަޑައިގެންފަ އެވެ.
އިސްތިއުނާފް މައްސަލަ ލަސްވާތީ ޔާމީންގެ ފަރާތްޕުޅުންނާއި ޕީޕީއެމް / ޕީއެންސީ ލީޑާޝިޕުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ހައިކޯޓުން ޔާމީން މިނިވަން ވެދާނެކަމަށް ބަލައި، ދަށު ކޯޓުން އަނެއްކާވެސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށެވެ.