އުފާވެރި ކައިވެންޏަކީ އެ ކައިވެނި ހިއްސާކުރާ ދެ ފަރާތުގެ ވެސް މަސައްކަތުން ހޯދޭނެ ކަމެކެެވެ. ކާމިޔާބު ޒަވާޖެއްގެ ފަހަތުގައި އަންހެނަކާއި ފިރިހެނެއް އެ ދެމީހުންގެ ގުޅުން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ހިތްވަރުވެ އެވެ.
އެމެރިކާގެ ރައްޔިތުން ކަމަށްވާ ޒެލްމީރާއާއި ހާބަޓް ފިޝާގެ ވާހަކައަކީ ވެސް މިފަދަ ވާހަކަ އެކެވެ. ދުނިޔޭގެ އެންމެ ދިގު ކައިވެނީގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާއިރު އެ ދެމަފިރިން ވަނީ އެ ކައިވެނީގެ ސިއްރު ހާމަކޮށްފަ އެވެ.
1924 ވަނަ އަހަރު ކައިވެނި ކުރި އެ ދެމީހުންގެ ކައިވެނި ޖުމްލަ 86 އަހަރާއި 290 ދުވަހަށް ދެމިގެން ދިޔައިރު އެ ދެމަފިރިންނަށް 2010 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ ހާއްސަ ޝަރަފެއް ވެސް އަރުވާފައިވެ އެވެ.
ޒެލްމީރާއާއި ހާބަޓްގެ ކައިވެނި ނިމުމަކަށް އައީ 2011 ވަނަ އަހަރު އުުމުރުން 105 އަހަރުގައި ހާބަޓް މަރުވުމުންނެވެ. އޭގެ ދެ އަހަރު ފަހުން ޒެލްމީރާ ވެސް ވަނީ އެ އުމުރުގައި މަރުވެފަ އެވެ.
ހާބަޓްއާއި ޒެލްމީރާ ކައިވެނި ކުރިއިރު ހާބަޓްގެ އުމުރުން 18 އަހަރުވި އިރު ޒެލްމީރާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެ ދެމީހުންގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އުފާވެރި ކައިވެންޏަކަށް ހާއްސަ "ރެސިޕީ" އެއް ނޯންނާނެ ކަމަށާއި އެކަކު އަނެކަކަށް ލޯތްބާއި އިހުތިރާމް ދިނުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް އެދެމަފިރިން ބުނެފައިވެ އެވެ.
"ވަރިއަކީ އެއްވެސް އިރެއްގައި އަހަރުމެން ވިސްނި ކަމެއް ނޫން. މައްސަލަ ޖެހުމުން މަޑުމައިތިރި ކަމާއެކު ދެމީހުން ވާހަކަ ދައްކައިގެން އެކަމެއް ހައްލު ކުރަނީ" ހާބަަޓް ބުންޏެވެ.
86 އަހަރަށް ދެމިގެން ދިޔަ އެ ކައިވެނި ވަނީ ބޮޑު ތަދާއި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ އިތުރުން ކޮރެއާ ހަނގުރާމަ އަދި ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު ދެކިފަ އެވެ.