ކިތަންމެ ކޯފާވިޔަސް ވެރިކަން ކުރައްވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރައްދު ދެއްވައިފި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަލުން އެމްޑީޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި، ވާވެއްދިފަޅުގެ މައްސަލާގައި ގާސިމްގެ ތުހުމަތާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރިވާފައިނުވާނެ ކަމަށެވެ. އަދި މިސަރުކާރުން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި، އެއީ އަޅުގަނޑާ ކިތަންމެ ގާތް މީހެއް ކަމުގައިވިޔަސް. އަޅުގަނޑު ޕާޓީގެ މީހެއްކަމުގައިވިޔަސް، އާއިލާގެ މީހެއްކަމުގައި ވިޔަސް، އަޅުގަނޑަކަށް ޤާނޫނުއަސާސީން ބޭރަކަށް ނުދެވޭނެ، އޭގައި އޮތް ގޮތަށް އެކަންކަން ކުރިއަށްދާނީ. ގާނޫނުން ބޭރަކަށް ނުދާނަން، ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޕާޓީގެ މީހެއް ކަމަށް ވިޔަސް، އަދި އާއިލާގެ މީހެއް ކަމަށް ވިޔަސް، ގާނޫނު އަސާސީން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. ހުރިހާ ކަމެއް ވެސް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ގާސިމް ވަނީ އޭނާގެ ވިލާ ކުންފުންޏަށް ދީފައި އޮތް ވާވެއްދި ފަޅު ވިއްކުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާތީ ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ގާސިމް ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސާ އެކު ކޯލިޝަން ހަދަން ފޮނުވި ދައުވަތު ގަބޫލުނުކޮށް، ވަކިން ވާދަކުރަން ނިންމެވުމަށް ފަހު ގާސިމް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުންނެވެ.