ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ ސެންޓްރްލަ މިސްކިތުގެ ބޭރުގައި ގުރުއާން ވީދައިލައި، އެންދި މައްސަލަ ސައޫދީ އަރަބިޔާ އިން ކުށްވެރިކޮށްފި އެވެ.
ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރުޅިވެރިކަން އުފެއްދުމުގެ ގޮތުން ތަކުރާރުކޮށް ކުރަމުންގެންދާ މިފަދަ އަމަލުތައް ބަލައިގަނެވޭނެ ގޮތެއް ނޯންނާނެ އެވެ.
ސައޫދީގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސްޓޮކްހޯމްގައި މި ހިނގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަން ޖެހޭ އެއްބައިވަންތަކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުމާއި ކަންކަމުގައި ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅުހެދުން ފަދަ ސިފަތަކާ މުޅިން އިދިކޮޅު އަމަލުތަކެކެވެ. އެކަމުގެ ސަބަބުން މީސްތަކުންނާއި ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ހަމަޖެހުމާއި އެއްބައިވަންތަކަމަށް ބުރޫ އަރާކަމުގައި ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
އަޟުހާ އީދު ދުވަހު މުސްލިމުން އީދު ނަމާދުން ފޭބި ވަގުތާ ދިމާކޮށް ސްޓޮކްހޯމްގެ ސެންޓްރަލް މިސްކިތުގެ ބޭރުގައި ގުރުއާން އެންދީ ސްވިޑްންގެ ފުލުހުންގެ ހުއްދަ ލިބިގެން ތުރުކީ އާ ދެކޮޅަށް މުޒާހަރާ ކުރި ބައެކެވެ. ފުލުހުން ފަހުން ވަނީ ގުރުއާން އެންދި މީހާ ހައަޔަރު ކޮށްފަ އެވެ.
ސްޓޮކްހޯމްގައި ގުރުއާން އެންދުމުގެ ސިލްސިލާ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ ތުރުކީއާ ދެކޮޅަށް ކުރާ މުޒާހަރާތަކުގަ އެވެ.
މި އަމަލުތަކުގެ ސަބަބުން ތުރުކީއާއި ސްވިޑަންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
އީދު ދުވަހުގެ ގުރުއާން އެންދުމުގެ އަމަލު ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވެސް ވަނީ ކުށްވެރި ކުރައްވާފަ އެވެ. ފިދާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމް ދީނާ ދެކޮޅު މުޒާހަރާ ކުރުމަށް ހުއްދަ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ސްޓޮކްހޯމްގައި މިހިންގި ނުބައި އަމަލާ ބެހޭގޮތުން ވައިޓްހައުސްގެ ޑެޕިއުޓީ ސްޕޯކްސްޕާސްން ވިދާޅުވީ އެއީ "އިހުތިރާމެއް ނެތް ހިތް ދަތި އަމަލެއް" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހުއްދަ ހުރިހާ ކަންކަމަކީ ކުރަން ހެޔޮވާ ކަންކަމަށް ނުވާނެ އެވެ.
ސްޓޮކްހޯމްގައި ގުރުއާން އަންދަނީ ތުރުކީއާ ދެކޮޅަށް އަޑު އުފުލާ ޖަމާއަތްތަކުންނެވެ. އެ ޖަމާއަތުން ގޮވާލަނީ ތުރުކީގައި ކުރުދީންގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރާ މީހުންގެ ހައްގު ހޯދުމަށާއި ދީނީ މިނިވަންކަން ހޯދުމަށެވެ.