އިރާގުގެ ވެރި ރަށް ބަޣުދާދުގައި ހުންނަ ސްވިޑިޝް އެމްބަސީ ކައިރީ ކިރިތި ގުރުއާން އެންދުމާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ކޮށްފި އެވެ.

މި މުޒާހަރާގައި ބައިވެރިވީ އިރާގުގެ ޝީއީ ލީޑަރު މުގުތަދާ ސަދުރުގެ ސަޕޯޓަރުންނެވެ. އެ މީހުން ގޮވާލަމުން ގެންދިޔައީ ސްޓޮކްހޯމްގެ މިސްކިތެއްގެ ބޭރުގައި ގުރުއާން އަންދައިލުމާ ވިދިގެން އެގައުމާ އިރާގާ ދެމެދު އޮންނަ ގުޅުން ކަނޑާލުމަށެވެ.

އިރާގުގެ ދިދަތަކާ މުގުތަދާ ސަދުރުގެ ފޮޓޯތަކާއެކު މުޒާހަރާކުރަމުން ގެންދިޔައީ "ޔެސް ޔެސް ޓު ގުރުއާން. މުގްތަދާ ސަދުރު މުގުތަދާ ސަދުރު" ގޮވަމުންނެވެ.

މިުޒާހަރާގެ ބައިވެރިން ރެއިންބޯ ދިދަ އަންދަނީ

މުޒާހަރާގެ ބައިވެރިން ވަނީ އާދަޔާ ޚިލާފަށް ބޮޑު ވިއްސާރަ ދުނި ރަމްޒުކޮށްދޭ ދިދައެއް ވެސް އަންދާފަ އެވެ. މި ދިދަ އާންމުކޮށް ތަމްސީލު ކުރަނީ އެލްޖީބީޓި ކޮމިއުނިޓީ އެވެ.

ސްޓޮކްހޯމްގައި ހިނގާދިޔަ ހާދިސާ އާއި އެލްޖީބީޓީ އާ ގުޅުމެއް ނެތް ކަމުގައި ވިޔަސް ސަދުރު އަންގައިފައި ވަނީ މުހައްރަމް މަހުގެ ނުވަ ވަނަ ދުވަހާ ހަޔަށް އެދިދަ އަންދަމުން ގެންދިއުމަށެވެ.

ސްޓޮކްހޯމްގައި ގުރުއާން އަންދާލި މީހާއަކީ އެ ގައުމުގައި އުޅޭ އިރާގުގެ ރެފިއުޖީ އެކެވެ. އިރާގުގެ ސަރުކާރުން ވަނީ އެގައުމުގައި ހުންނަ ސްވިޑިޝް އެމްބެސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ގުރުއާން އަނދާލި މީހާ އިރާގާ ހަވާލުކުރުމަށް އަންގާފަ އެވެ.

ގުރުއާން އަންދާލުމުގެ މައްސަލައިގައި ގިނަ އަދަދެއްގެ އިސްލާމީ ގައުމުތަކަކުން އަންނީ ނުރުހުން ފާޅުކޮށް ސްވިޑަންއާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.