ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓްތައް ލިބުނު ބައެއް މީހުން ލިސްޓުން އުނިކޮށް، ފްލެޓުތައް ނުދީ ހިފެހެއްޓުމުގެ ހައްގެއް މިސަރުކާރަކަށް ނޯންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ފްލެޓްތައް ދީފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ، ފްލެޓް ލިބުނު އެތައް ސަތޭކަ ބަޔަކު ސަރުކާރުން ވަނީ ދާއިމީ ލިސްޓުން އުނިކޮށްފަ އެވެ. އެ މައްސަލާގައި ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވީއިރު، މާލޭގެ ރައްޔިތުންގެ ހައްގުގައި ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި، ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދެވިފައިވާ ތަނެއް ވެސް ނުފެންނަ ކަމަށެވެ.

"އެމްޑީޕީން ވެރިކަމަށް އައުމަށް މާލޭ ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދު. ނަމަވެސް ވެރިކަމަށް އައުމަށްފަހު ރައީސް ޔާމީން މާލޭގެ ރައްޔިތުންނަށްޓަކައި އަޅައި ނިންމައި، ހަވާލު ކުރުމަށް ތައްޔާރު ކޮށްފައިވާ ފްލެޓުތައް ވެސް މިސަރުކާރުން ރައްޔިތުންގެ އަތުން ވަނީ ނިގުޅައިގެންފައި،" މާލެސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ. "މިސަރުކާރަށް އަޅުގަނޑު މިހާރުން މިހާރަށް މިގޮވާލަނީ ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމަށް. އެއްވެސް ހައްގެއް ނޯންނާނެ އެހާ ނިކަމެތިކޮށް އުޅެމުންދާ މީހުންގެ ހައްގުތައް ނިގުޅައިގަތުމުގެ ހައްގެއް."

އާލާސްކަން ފުޅާއި މަހަކަށްވުރެ ގިނަ ދުވަހު އުޅުއްވުމަށްފަހު ރައްޔިތުންނާ މުޚާތަބްކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ހުންނެވީ މާލޭ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ނުބަލައި އިޚުލާސްތެރި ކަމާއެކު މަަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މިހާތަނަށް ވެސް ކަމެއް ހަވާލު ކޮށްފިނަމަ ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކޮށްދީފައިވާ މީހެއްކަން ރައްޔިތުން ހެކިވާނެ ކަމަށެވެ. އަދި މިފަަރު މާލޭގެ މޭޔަރުގެ މަގާމަށް ކުރިމަތި ލައްވައިގެން އުޅެނީ ވެސް އެ އަޒުމުގައި ކަމަށް ވެސް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް އެންމެ ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުން ކަަމަށެވެ. އަދި މިސަރުކާރުން އޭގެ ހައްގު ވެރިންނަށް ނުދީ އިތުރު ނިކަމެތިކަން ދެމުންދަނީ ރައްޔިތުންނާމެދު ސަރުކާރުގެ އޯގާތެރި ކަމެއް ނެތުމުން ކަމަށް ވެސް ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.