ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ ހޯމަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އާއި ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށް ދައުރުން ބޭރުގައި މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއެއް ބޭއްވި އެވެ. ނަމަވެސް އެ ޖަލްސާގައި އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އެކުލަވައިލުމުގެ އިތުރުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރުންވެސް ހިމެނެ އެވެ.