ޗައިނާގެ ސޯޝަލް ޕްލެޓްފޯމް ޓިކްޓޮކުން މިއުޒިކް ސްޓްރީމިންގެ ހިދުމަތް ފަށައިފި އެވެ.
ޗައިނާގެ ބައިޓް ޑާންސުން ހިންގާ ޓިކްޓޮކުން މިއުޒިކް ސްޓްރީމިންގެ ހިދުމަތް ފަށާފައި މިވަނީ މިއުޒިކްގެ ބޮޑު ތިން ކުންފުންޏަކާ ގުޅިގެނެވެ.
ޕްރީމިއަމް ހިދުމަތެއްގެ ގޮތުގައި ޓިކްޓޮކްގެ "ސޯޝަލް މިއުޒިކް ސްޓްރީމިން ސާވިސް" ބްރެޒިލް އާއި އިންޑިނޭޝިއާގައި ފަށާފައިވާއިރު ފުރަތަމަ އެއް މަސް ދުވަހު މި ހިދުމަތް ހިލޭ ލިބޭނެ އެވެ.
ޓިކްޓޮކުން ބުނި ގޮތުގައި އިއްޔެ ލޯންޗްކުރި މިއުޒިކް ސާވިސްއާ އެކީ އެތަނުން "ރެސޯ" ގެ ނަމުގައި ކުރިން ދެމުން އައި ސްޓްރީމިންގެ ހިދުމަތް އަންނަ ސެޕްޓެމްބަރު މަހުގެ 5 ގައި މުޅިން ޕްރީމިއަމް ހިދުމަތަކަށް ވެސް ބަދަލުވާނެ އެވެ. މި ބަދަލަށް މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
އާންމުކޮށް ހުރިހާ ހިސާބަކަށް ޓިކްޓިކްގެ މިއުޒިކް ސްޓްރީމިން ހިރުމަތް ދޫކޮށްލާނެ އިރަކާއި މި ހިދުމަތަށް ނަގާނެ އަގެއް އަދި ހާމައެއް ނުކުރެ އެވެ. ޓިކްޓޮކްގެ މިއުޒިކް ސްޓްރީމާ ގުޅިފައިވާ ކުންފުނިތަކަކީ ޔުނިވާސަލް މިއުޒިކް ގްރޫޕާއި ވޯނާ މިއުޒިކް ގްރޫޕްގެ އިތުރުން ސޮނީ މިއުޒިކެވެ.
ލަވަތަކަށް ލިޕް-ސިންކްކޮށްފައި ވީޑިއޯތައް ހިއްސާކުރެވޭ ޓިކްޓޮކަކީ މީގެ ތިން އަހަރު ކުރިން 2016 ގައި ވުޖޫދަށް އައި އެޕެކެވެ. އަދި މިިއީ މިހާރު ސޯޝަލް އެޕްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޕްލެޓްފޯމެވެ.