ޓެއިލާ ސްވިފްޓްގެ އަލްބަމް "ސްޕީކް ނައު"ގައި ހިމެނޭ ލަވަ ތަކުގެ ތެރެއިން އިތުރު ލަވައެއްގެ މިއުޒިކް ވީޑިއޯ ނެރެފި އެވެ.

މި ލަވައިގައި އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ ޓެއިލާއާއެކު މިއުޒިކް ވީޑިއޯއިން އޭނާގެ ކުރީގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާ ފެނިގެން ދިއުމެވެ. އެ ދެމީހުންގެ އިތުރުން ޖޯއީ ކިންގް ވެސް ލަވައިން ފެނިގެންދެ އެވެ.

"އައި ކޭން ސީ ޔޫ"ގެ ނަމުގައި ނެރުނު އެ ލަވަ ލިޔެ ޑައިރެކްޓް ވެސް ކޮށްފައިވަނީ ޓެއިލާ ސްވިފްޓް އަމިއްލައަށެވެ. މިއުޒިކް ވީޑިއޯގައި ފެނިގެން ދަނީ ސްވިފްޓް "ވޯލްޓް"އެއްގެ ތެރޭގައި ބަންދުވެފައި ހުންނައިރު އޭނާ އެތަނުން ސަލާމަތް ކުރަން ލޯޓްނާއާއި ޖޯއީ ކުރާ މަސައްކަތެވެ.

މި ވީޑިއޯގެ ވާހަކަ ހިއްސާ ކުރަމުން ސްވިފްޓް އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ މިލަވައިގެ ޅެން މީގެ އަހަރެއް ކުރިން ނިމުނު ނަމަވެސް ވީޑިއޯ ނިމުނީ އަދި ކިރިޔާ ކަމަށެވެ.

އެކްޝަން މަންޒަރުތައް ޑައިރެކްޓް ކުރަން އަބަދުވެސް ބޭނުންވާ ކަމަށް ބުނަމުން ސްވިފްޓް އިތުރަށް ބުނީ ވީޑިއޯގެ އެކްޝަން މަންޒަރު ތަކުގައި ލޯޓްނާއާއި ޖޯއީ "ސްޓަންޓް ޑަބަލް"އެއް ބޭނުންކޮށްފައި ނުވާ ކަމަށެވެ.

ސްވިފްޓް މިހާރު މަސައްކަތް ކުރަމުން އަންނަނީ އެމެރިކާއާއި ޔޫރަޕްގައި އޭނާ ދެމުން އަންނަ ކޮންސެޓް ޓުއާތަކުގައި ކަމަށް ހަބަރުތައް ބުނެ އެވެ.