އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން އަތޮޅު ތެރޭގައި ރަސްމީކޮށް ފެށުމަށް ށ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

ށ. އަތޮޅަށް ކުރެއްވި މިކެމްޕޭން ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު އެނބުރި މާލެ ވަޑައިގެންނެވީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. އިއްޔެ ހެނދުނު ށ. އަތޮޅަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ކޮމަންޑޫއަށެވެ. އެއަށްފަހު އެ އަތޮޅު މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގެންނެވި އެވެ.

މި ހަތަރު ރަށަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ރަށަކަށް ވެސް ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. ކޮމަންޑޫއަށް ވެވަޑައިގެންނެވި ވައުދަކީ މި މަސް ނިމުމުގެ ކުރިން ދެ ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮތް މަތިކޮމަންޑޫ ގުޅާލާނެކަމުގެ ވައުދެއެވެ. އަދި ކޮމަންޑޫއާ ޖެހިގެން އޮތް ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަދުއުވެވަޑައިގެންނެވި އެވެ.

ނޫމަރާއަށް ވަޑައިގެން، ރައީސް ވައުދުވެވަޑައިގެންނެވީ އެ ރަށް ކައިރީގައި އޮތް ނެޔޮ ކިޔާ ފަޅު ރަށް ކައުންސިލަށް ހޯއްދަވައި ދެއްވާނެކަމުގެ ވައުދެވެ. އަދި ށ. މަރޮށިން ބިން ހިއްކައި، އެ ރަށުން ގޯތި ދެއްވާނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސްގެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ފޯކައިދޫ އެވެ. އެ ރަށުގައި ސަރުކާރުން ހިންގި ހަތަރު މަޝްރޫއެއް އިފްތިތާހު ކޮށްދެއްވުމަށްފަހު، އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އަޅުއްވާނެ ކަމަށެވެ.

ރައީސް ސޯލިހާ އެކު މި ދަތުފުޅުގައި ސަރުކާރުގެ އިސް ވެރިންނާއި ދެވަނަ ދައުރަކަށް އެ މަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ ދެ ޕާޓީ ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަވަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކެމްޕޭން ޝިއާރަކަށް ހަމަޖައްސަވާފައިވަނީ "އުފާވެރި އަމާންރާއްޖެ" އެވެ.