ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކޮންމެ ކޮންޓެކްޓަރަކަށް ވެސް އެ ކުންފުނިން ފައިސާ ދޫކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިހެން ބުނެފައި ވަނީ ފެނަކައިގެ މަޝްރޫއުތައް ހިންގައިދިން ބައެއް ކުންފުނިތަކަށް މިލިއަނުން ފައިސާ ދީފައިނުވާ ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔުނު ޚަބަރަކާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ފެނަކައިން ބުނީ މަސައްކަތް ކުރުވާފައި، އެއްބަސްވުމުގައި އޮންނަ އުސޫލުގެ ދަށުން ހުރިހާ ކޮންޓްރެކްޓަރުންނަށްވެސް ފައިސާ ދޫކުރަމުން ދާކަމަށެވެ.

އެ ބަޔާނުގައި ވަނީ "ދިޔަރެސް" ފަދަ ޒިންމާދާރު ކަމެއް ނެތް ޚަބަރުފަތުރާ މަދު ވަސީލަތްތަކަކުން ޝާއިއު ކުރަމުންދާ މިފަދަ ހަގީގަތާ ޚިލާފު ވާހަކަ އަކުން އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާ ނުލައި ޚިދުމަތުގެ މައިދާނުގައި އެ ކުންފުނިން މަސައްކަތް ކުރާނެ ކަން އެންމެހައި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.

ހަމަހަމަ ކަމާއި ޒިންމާދާރުކަމާ އެކު ކުރެވޭ ނޫސްވެރިކަމެއްގައި އެ ކުންފުނީގެ ބަހެއް ހޯދުމަކާ ނުލައި ދިޔަރެސްގައި ޚަބަރެއް ޝާއިއު ކުރުމަކީ ވަކި ފަރާތަކަށް ބުރަވެ، ސިޔާސީގޮތުން އެކުންފުންޏާމެދު އާންމުންގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބުުރުމަށް ކުރި ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ފެނަކަ އިން ފައިސާ ނުދިނުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވޭ ކަމަށް ބައެއް ކޮންޓެކްޓަރުންނާ ހަވާލާދީ ދިޔަރެސް ނޫހުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.