ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން އިއްޔެ ބާތިލް ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ޕީޖީ އޮފީހުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ހައިކޯޓުން މައްސަލަ ނިންމިގޮތާ މެދު ހިތްހަމަނުޖެހޭތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާ ކަމަށެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެފަދަ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެފަދަ އަމުރަކަށް އެދުނީ ބޭސްފަރުވާއަށް ދުބާއީއަށް ވަޑައިގަތުމުގެ ހުއްދައަކަށް ޖިހާދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ޖިހާދު ރާއްޖެއިން ބޭރަށްގޮސް ފިލައިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވާފާނެ ކަމުގެ އެއްވެސް ހެއްކެއް ޕީޖީ އޮފީހަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ފިލުން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް އެ ހުކުމްގައި ވެ އެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އެވެ.