ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ރިޔާސީ ދެވަނަ ދައުރެއް ލިބިއްޖެނަމަ ދައުރު ނިމޭއިރު ދައުލަތުގެ އާމްދަނީ 50 ބިލިއަނާ ގާތްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މ. މުލަކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ލޯނު ނެގުމަށް ކިޔާ ފާޑުތަކަށް ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑްގައި ރާއްޖޭގެ އިގްތިސާދު ދަށަށް ދިޔަދިޔުން ކުރިން ހުރި ހާލަތަށް އިޔާދަކުރެވުނީ ލޯނު ނެގުމުން ކަމަށެވެ.

މިހާރުގެ އަމާޒަކީ 2028ވަނަ އަހަރު ދައުލަތުގެ އާމްދަނީއަށް 50 ބިލިއަން ރުފިޔާ ވެއްދުން. އެ ދުވަހު ލޯނު ނަގައިގެން އަޅުގަނޑުމެން ކުރި މަސައްކަތަކީ ރާއްޖޭގެ އިގްތިޞާދު ކޮޅަށް ޖެހުން. ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުން. އޭގެ ނަތީޖާ މިއަދު މި ފެންނަނީ. ޕްލޭނެއް އޮވެ ރޭވުންތަކެއް އޮވެގެން ކަން ކުރީމާ ފެންނަ މަންޒަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ތެރޭގައި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ 22،000އަށް ވުރެ ގިނަ މީހުންނަށް ދީފައިވާ ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 380 މިލިއަން ރުފިޔާ ސޮފްޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، ރިސޯޓު ހިންގާ ފަރާތްތަކާއި ބޮޑެތި ވިޔަފާރިތަކަށް 1.1 ބިލިއަން ރުފިޔާ ލުއި ލޯނުގެ ގޮތުގައި ދޫކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު އިގްތިސޯދު ކޮޅަށް ޖަހަން ކުރި މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ކަމަށެވެ.

އިގްތިސޯދު ދަށަށް ދިޔުމުން ސަރުކާރުން އެކަމުގެ ބުރަ އުފުލައި ގެނައި ބަދަލުތަކުގެ ސަބަބުން މިއަދު އިގްތިސާދު ކުރިއަރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.