ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތްވަރެއް ހުރި ނަމަ ކުރީގެ ރައީސް ޔާމީން މިނިވަން ކުރެއްވުމަށްފަހު އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނިކުތުމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.
ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުން ނިކުންނަވައި ވާދަވެރި ކެމްޕޭނެއް ކުރުމަށް ރައީސް ސޯލިހު އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވުމުން އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ކެންޑިޑޭޓް ޖަލުގައި ބަހައްޓައިގެން ކެމްޕޭން ކުރައްވަނީ ބިރުން ކަމަށެވެ.
ރައީސް ސޯލިހުގެ ހިތްވަރެއް ހުރި ނަމަ ރައީސް ޔާމީން މިނިވަންކޮށްފައި ކެމްޕޭނަށް ވާގޮތް ބެލުމަށް އެދޭ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
"އިދިކޮޅު ކެނޑިޑޭޓް ނުހައްގުން ޖަލުގައި ބަހަށްޓައިގެން ތިޔަ އުޅެނީ ވާދަކޮށްފާނެތީ ބިރުން. ހިތްވަރެއް ހުރިއްޔާ ނިކަން ޔާމީން މިނިވަންކޮށްފައި ކެމްޕެއިންއަށް ވާގިތް ބަލައިލަވަލަ. ހުރިހާ ރަށަކުން މެޖޯރިޓީ ޔާމީން ނަގާނެކަން ކަށަވަރު،" ޕީއެންސީގެ ނައިބު ރައީސް ވިދާޅުވި އެވެ.
ދިއްގަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ވާދަވެރިން އިންތިހާބުގައި ވާދަކުރަން ނުކުންނަން ޖެހޭ ކަމަށެވެ. އަދި މީގެ އެތައް އަހަރެއް ކުރިން އެމްޑީޕީއިން ފެށި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމުގެ ދަތުރުގައި އެމްޑީޕީއިން ދަސްކޮށްފައި ވަނީ އިންތިހާބުގައި ވާދަކޮށް ވާދަވެރި ކެމްޕޭނެއް ހިންގައިގެން ވޯޓުން ނަތީޖާ ނެރުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެހެން ނަމަވެސް ވާދަވެރިންގެ ކިބައިން އަދިވެސް ފެންނަނީ މާފަހަތުގައި އުޅޭތަން ކަމަށް ރައީސް ވިދާޅުވި އެވެ. އެމްޑީޕީއިން 2000ގެ ކުރީކޮޅު އުޅުނުއިރު އުޅުނު ގޮތަށް އުޅޭތަން ވާދަވެރިންގެ ކިބައިން ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އެ އުޅެނީ 2000ގެ ކުރީ ކޮޅުގައޭ. އެއިރު އަޅުގަނޑުމެން ކުރަން ފެށި ކަހަލަ ކޮންމެވެސް މަސައްކަތްތަކެއް ބައެއް ރަށްރަށުން އެބަ ފެނޭ. އަޅުގަނޑު ވަރަށް އިހުތިރާމާއެކު އެބޭފުޅުންނަށް ދަންނަވާލާނީ އެކަން ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެވޭ ފުރުސަތު ވަނީ ހަނިވެފަ އެވެ. ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުގެ މައްސަލަ ލަސްވާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 23 ން އޮގަސްޓް 7 ގެ ނިޔަލަށް ކުރިމަތިލާން ހުޅުވާލާނެ އެވެ