ޓޮމާޓޯގެ އަގުތަކާ ގުޅިގެން ދެއްކި ވާހަކަތަކަށް ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ އާއްމުންނާއި ދަނޑުވެރިންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސުނިލް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޓޮމާޓޯގެ އަގުތައް އުފުލުމުން އޭނާގެ އާއިލާއަށް ވެސް އަސަރު ކޮށްފައިވާ ކަމަށާއި މިހާރު ކެއުމުގައި ތާޒާ ޓޮމާޓޯ ބޭނުން ކުރަނީ ވަރަށް މަދުން ކަމަށެވެ.

ސުނިލްގެ މި ވާހަކަތަކާއެކު އާއްމުން ވަނީ އެ ވާހަކަތަކުން އިންޑިއާގެ ދަނޑުވެރިން ކުރާ މަސައްކަތަށް ކުޑައިމީސް ކުރެވުނީ ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

މުމްބާއީގައި ރެސްޓޯރެންޓްތަކެއް ވެސް ހިންގަމުން އަންނަ ސުނިލް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ އިންޑިއާގެ ދަނޑުވެރިންނަށް އޭނާ ވަރަށް އިހުތިރާމު ކުރާ ކަމަށާއި ދަނޑުވެރިންގެ މަސައްކަތްތައް ކުރިއަރުވަން އޭނާ މަސައްކަތް ވެސް ކުރާ ކަމަށެވެ.

"އަހަރެންގެ އެއްވެސް ބަހަކުން އިންޑިއާގެ ދަނޑުވެރިންނަށް ކުޑައިމީސް ކުރެވިފައިވާނަމަ އެކަމަށް މައާފަށް އެދެން. އެކަމަކު އެއީ އަހަރެން އެކަން މާނަކުރި ގޮތެއް ނޫން"

ސުނިލް އިތުރަށް ވަނީ އޭނާގެ ބުނި ބަހުގެ މާނަ އޮޅުވާލައިގެން އާއްމުންގެ މެދުގައި ނުފެތުރުމަށް ވެސް މީޑިއާގެ ކިބައިން އެދިފަ އެވެ.