ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނުދެއްކުނު ކަމަށާއި ކޮމަން ކެންޑިޑޭޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެމްޑީޕީގެ އަންުހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޓޭކަރު ނެރެން އެއްބަސްވުމަށްފަހު އެ ކެންޑިޑޭޓަށް ވުމަށް ހުރިހާ ޕާޓީތަކުން ވެސް "އަތްމައްޗަށް ނަގަމުން" އަންނަ ކަމަށެވެ.

އެއް ކެންޑިޑޭޓެއް ނެރޭ ވާހަކަދަދެއްކުމުން އެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީޕީއެމް އިން ބުނެފައިވާއިރު، އެމަނިކުފާނު ވީތަނެއް ވެސް ނޭނގޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެހެންވެ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓެއް ނެރެވޭނީ ކިހިނެތްތޯ ރޮޒައިނާ ސުވާލު އުފެއްދެވި އެވެ.

ރޮޒައިނާ ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އުޅެނީ އެއްވެސް ހާލެއްގައި ވެރިކަން ބޭނުންވެގެން ނޫން ކަމަށެވެ.

"މިހާލަތުގައި އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ވެސް ދަންނަވާލަން ބޭނުން. މި އިންނެވީއޭ ކޮމަން ކެންޑިޑޭޓް. ވަޑައިގަންނަވާށޭ. މިއަށްވުރެ ރަނގަޅު ކެންޑިޑޭޓެއް ތިބޭފުޅުންނަށް ވެސް ނުލިބޭނެޔޭ،" ރައީސް ސޯލިހަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.

ވައުދުވެ، ވައުދު ފުއްދާ ބޭފުޅެއްކަން ނިމިގެންމިދާ ފަސް އަހަރު ރައީސް ސޯލިހު ސާބިތުކޮށްދެއްވައިފި ކަމަށާއި ދެން ވެސް ވައުދުތައް ފުއްދަވާނެ ބޭފުޅަކީ އެމަނިކުފާނު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ރައީސް ވައުދުވެލެއްވީމަ އެހެން ލީޑަރުންނާ ތަފާތަކީ ފުއްދަވާނެތީ. އެހެންވީމަ އަޅުގަނޑު މި ދެންނެވީ މިރޭ ދިއްދުއަށް މިއޮތީ އީދު އައިސްފައޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް ސޯލިހަކީ ކާކުކަން މިހާރު ރައްޔިތުންނަށް އެނގޭކަމަށާއި، ރައްޔިތުން ދެކެ ރައީސް ވާ ލޯބި ރައްޔިތުންނަށް ފެނިއްޖެކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.