ސްވިޑްންގައި ހުންނަ އިރާގު އެމްބަސީގެ ކުރިމަތީގައި ސްވިޑްން ސަރުކާރުން ހުއްދަ ލިބިގެން ބުރާސްފަތި ދުވަހު ހިންގި ގުރުއާން އެންދުމުގެ އަމަލާ ގުޅިގެން އިރާގުގައި ހުންނަ ސްވިޑްންގެ އެމެބެސެޑަރު ރަށަށް ފޮނުވާލައި، އެމްބަސީ އަންދާލައިފި އެވެ.

އިރާގު ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުން އިރާގުން ވަނީ ސްވިޑްންގައި ހުންނަ އިރާގުގެ ޝާޒޭ ޑަފެއާ ވެސް އެނބުރާ ގެންގޮސްފަ އެވެ. ހަމަ އެއާއެކު ސްވިޑްންގެ ކުންފުންޏެއް ކަމަށްވާ އެރިކްސަން ކުންފުނީގެ މުވައްޒަފުން އިރާގުގައި މަސައްކަތް ކުރުން މަނާކޮށް، އެ މީހުންގެ މަސައްކަތު ވިސާ ވެސް ކެންސަލްކޮށްފަ އެވެ.

ސްޓްކްހޯމްގެ މިސްކިތުގެ ބޭރުގައި އީދު ދުވަހު ގުރުއާން އެންދި މީހާ ވަނީ ސްވިޑްންގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި އިއްޔެ ގުރުއާން އެންދުމަށް ފުލުހުންގެ ފަރާތުން ހުއްދަ ހޯދައިފަ އެވެ. ގުރުއާން އެންދުމުގެ އަމަލު ސްވިޑްންގައި ހިންގަނީ އިރާގުން ސްވިޑްންއަށް ހިޖުރަ ކޮށްފައިވާ މީހެކެވެ.

އިރާގު އެމްބަސީ ދޮށަށް އެއްވި މީހުން ވަނީ ގުރުއާން ކަމަށް އެމީހުން ބުނާ ފޮތެއްގައި ފައިން ތަޅައި ގަނޑުތައް ވަކިކޮށް ހަދާފަ އެވެ. އެހެން ނަމަވެސް އެ ފޮތުގައި ހުޅެއް ނުޖަހަ އެވެ.

ސްވިޑިޝް ފޮރިން މިނިސްޓަރު ޓޮބާއަސް ބިލްޓްރޯމް ވިދާޅުވި ގޮތުގައި އިރާގުގައި ހުރި ސްވިޑިޝް އެމްބަސީގެ މުވައަޒަފުންގެ ހާލު ރަނގަޅެވެ. އެހެނަސް އޭނާ ވިދާޅުވީ އިރާގު ސަރުކާރުން ވަނީ އެ މީހުންގެ ބޮލުގައި އޮތް ޒިންމާއެއް ކަމަށްވާ އެމްބަސީ ހިމާޔަތް ކުރުމަށް ނުކުޅެދިފަ އެވެ.

އިރާގުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެސް އެމްބަސީގައި ހުޅުޖެހުން ވަނީ ކުށްވެރި ކޮށްފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން ސްވިޑްންގެ އެމްބަސީއަށް އެ ގޮތަށް ދިމާވީ ސަލާމަތީ ބާރުތައް ފޫއަޅުވާލާފައި އާންމުން އަރައިގަތުމުންނެވެ. އެ ބަޔާނުގައި އެމްބަސީތަކުގެ ސަލާމަތް ކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.