ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުނީގެ ބޭންކު އެކައުންޓުތައް ފްރީޒް ކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރުގައި ވަނީ އެ ކުންފުނީގެ އެކައުންޓްތަކުގެ ތަފްސީލުތައް އެ ކޯޓަށް ފޮނުވަން ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެ އަމުރު ނެރެފައި ވަނީ ސަން ޓްރެވަލްސް އާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ހިލްޓަން އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދަ ސަން ސިޔާމް އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރުމުން ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނިންމި މައްސަލައާ ގުޅިގެންނެވެ. އެ ފައިސާ ސަން ޓްރެވަލްސް އިން ދައްކާފައެއްނުވެ އެވެ. އެހެންކަމުން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅީ އެ ފައިސާ ދައްކަން ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުމަށެވެ.

ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް ބަދަލުގެ ގޮތުގައި 16 މިލިއަން ޑޮލަރު ދިނުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް ހިލްޓަންގެ ފަރާތުން އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.