ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ކެންޑިޑެސީ ފޯމްގައި ސޮއިކުރެއްވި ނަމަވެސް މިހާތަނަށް ރަނިންމޭޓަކު ކަނޑަނާޅުއްވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޔާމީންގެ ރަނިންމޭޓަކަށް އެމަނިކުފާނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު ހަމަޖެއްސި ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަން ދޮގުކުރައްވައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރަނިން މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށްވީ ނަމަވެސް، ލީޑާޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ވަނީ ލީޑާޝިޕްގައި އެދިވަޑައިންފައި ކަމަށެވެ.

އެހެން ނަމަވެސް، ރަނިންމޭޓު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށް ވާތީ، ލީޑާޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ޚިޔާރު ކުރެއްވުމަށް ދަންނަވަން ލީޑާޝިޕްގެ އިއްތިފާގުން މިރޭ ނިންމާފައިވާ ކަމަށެވެ.

"އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވެ އެވެ،" ތޮލާލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި ޔާމީން ރަނިންމޭޓަކު ކަނޑައަޅުއްވާނެ އެވެ.

މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ އެ މަނިކުފާނަށް އިއްވި ހުކުމުގެ އިސްތިއުނާފު މަރުހަލާ އަދި ނުނިމޭތީ އެވެ.