ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.

އެ ހިދުމަތް ތައާރަފްކޮށް ހިދުމަތްދޭން ފެށިކަން އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެ ހިދުމަތް ބޭނުންވާ މީހުންނަށް އެ ހޮސްޕިޓަލުން ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

އެ ހިދުމަތަށް މިވަގުތު ނަގަން ނިންމާފައިވަނީ 7،500ރ. އާއި 8،500ރ. އާ ދެމެދުގެ އަގެކެވެ.

އޭނާ ވިދާޅުވީ އާސަންދަ އާއި އެންސްޕާ މެދުވެރިވެގެން އެ އަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---

ގިނަ ގޮންޖެހުންތަކަކާ އެކު ވެސް، ޕެޓް ސްކޭންގެ ހިދުމަތް ފެށުމުން ރާއްޖެ އިން ބޭރަށް މީހުން ދާން ޖެހޭ ދިއުން ނިމުމަކަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ޕެޓް ސްކޭން ކުރާނީ ކެންސަރަށް އެކަނި ނޫން ކަމަށެވެ. ބައެއް ކަހަލަ ނާރުގެ ބަލިތަކަށާއި ހަކުރު ބަލި ފަދަ ބަލިތައް ބެލުމަށް ވެސް ޓެސްޓު ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންސަރު ބަލި ދެނެގަތުމަށް ޕެޓް ސްކޭން ހެދުމުގެ ހިދުމަތް ރާއްޖޭގައި މުޅިން އަލަށް އޭޑީކޭ އިން ވަނީ ފަށައިފަ

ޕެޓް ސްކޭން ހެދުމަށް އެޕޮއިންޓުމެންޓް ހެދުމުން ނިޔުކްލިއާ ފިޒިޝަނަކަށް ދައްކަން ޖެހޭނެ މުއްދަތެއް އެ ހޮސްޕިޓަލުން އަންގާނެއެވެ. އަދި ބަލިމީހާއަށް ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ސިއްހީ ކަންތައްތަކަށް ބެލުމަށް ފަހު އެވެ.