ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ގިނަ އަދަދެއްވެ ޖަމުޢިއްޔާތަކެއް އުވާލުމަށް ޔޫތު މިނިސްޓްރީން ނެރުނު އިއުލާން ބާތިލްކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ބުނީ ޖަމުއިއްޔާތަކެއް އުވާލުމަށް ނެރުނު އިޢުލާނާއި ގުޅިގެން، އިދާރީ ގޮތުން ބަލަންހުރި ކަންކަން ހުރުމުގެ ސަބަބުން އެ އިޢުލާން ބާޠިލު ކޮށްފައިވާމަށެވެ.

ޔޫތު މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު މި ލިސްޓް އާންމުކުރިއިރު 1،989 ޖަމިއްޔާއެއް އުވާލަން ނިންމާ ލިސްޓްގައި ހިމަނާފައިވެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާ ކަން ފެނުނީ ނޫސްތަކުން ކަމަށެވެ.

އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ވަރަށް ހަރަކާތްތެރި އަދި ލިޔެކިޔުންތައް ރަނގަޅަށް ފުރިހަމަކޮށްފައިވާ ބައެއް ޖަމިއްޔާތައްވެސް ހިމެނެ އެވެ.

އުވާލަން ނިންމި ބައެއް ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުލް ސަލަފާއި ކުރީގެ ރައީސް މައުމޫން އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އުފައްދަވަފައިވާ މައުމޫން ފައުންޑޭޝަން ވެސް ހިމެނެ އެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް އުވާލުމުގެ ބާރު ލިބިފައި ނުވާ ބައެއް ގައުމީ އެސޯސިއޭޝަންތައް ވެސް ލިސްޓްގައި ހިމެނެ އެވެ. މީގެތެރޭގައި ވޮލީބޯލް އެސޯސިއޭޝަން ހިމެނެ އެވެ.