ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައި ވާތީ، މާދަމާ ބޭއްވުމަށް ނިންމި މިއަހަރުގެ ދެ ވަނަ ރައްޔިތުންގެ ބައްދަލުވުން މާލޭ ސިޓީ ކައުންސިލުން ފަސްކުރުމަށް ނިންމައިފި އެވެ.

ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނަމަވެސް މިއަދު ކުރި އިއުލާނެއްގައި ކައުންސިލުން ބުނީ މި ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށެވެ.

ކައުންސިލްގެ އިއުލާނުގައި ބުނީ ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައި ވާތީ، ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (7/2010) ގެ 110 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން 31 ޖުލައި 2023 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށެވެ.

މި އަހަރުގެ ދެ ވަނަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.

ކައުންސިލްގެ މަގްސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެ ހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ޑރ. މުއިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.

ލާމަރުކަޒީ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.