ލޮނަކީ އެއާނުލާ އަހަރުމެންގެ ކެއުން ފުރިހަމަ ނުވާނެ އެއްޗެކެވެ. ނަމަވެސް މާ ގިނައިން ބޭނުން ކުރާނަމަ ސިއްހަތަށް ވެސް ނޭދެވޭ އަސަރު ކުރާނެ އެއްޗެކެވެ. އެގޮތުން ކެއުމުގައި ލޮނު ބޭނުން ކުރަންވާ ވަރަށް ވުރެ ގިނައިން ބޭނުން ކުރެވޭނަމަ ހަށިގަނޑުން އޭގެ އަލާމާތްތައް ފެންނާނެ އެވެ.

ކެއުމުގައި ލޮނު ހިމެނޭ މިންވަރު އިތުރު ނަމަ ސިކުނޑީގެ މަސައްކަތްތަކަށް ހުރަސްއެޅި ކަންކަމާ ވިސްނައި ސަމާލުކަން ދިނުމަށް އުނދަގޫވުމަކީ ވުން ވަރަށް ގާތް ކަމެކެވެ. ކެނެޑާގައި ކުރިޔަށްދިޔަ ދިރާސާއަކުން ވަނީ ސިކުނޑީގެ ވިސްނުމުގެ ބާރު ދަށްވުމާއި މީހާ ކެއުމުގައި ލޮނު ހިމަނާ މިންވަރާ ގުޅުން ހުރިކަމަށް ދައްކާފަ އެވެ.

ގިނައިން ކަރު ހިއްކުމަކީ ވެސް މާ ގިނައިން ލޮނު ކެވޭ ކަމުގެ ހެއްކެކެވެ. ގިނައިން ލޮނު ހިމެނޭ ލުއި ކާނާ ފަދަ ކާ އެއްޗިހި ކެއުމަށްފަހު މީހާގެ ކަރުހިއްކުން އިތުރުވާކަމަށް ފާހަގަ ކުރެވޭނެ އެވެ. މިހެން ދިމާވަނީ ހަށިގަނޑަށް އެތެރެވެފައިވާ ލޮނާއި އެއްވަރަށް ފެން ބެލެންސް ކުރުމަށް ހަށިގަނޑު މަސައްކަތްކުރާތީ އެވެ.

އޭގެ އިތުރުން ކިޑްނީގައި ހިލަ އުފެދުމަކީވެސް ކާ އެއްޗިހީގައި ލޮނު މާ ގިނައިން ހިމެނޭކަމުގެ އަލާމާތެކެވެ.. އޭގެ އިތުރުންވެސް ބަނޑުގެ ތެރޭގައި ފާރު ހެދި ލޭ މައްޗަށްދިޔުމަކީވެސް ހަމަ އެފަދަ އަލާމާތަތެކެވެ.

ހަށިގަނޑަށް މި ބަދަލުތައް އަންނަނީ ލޮނުގައި ހުންނަ ސޯޑިއަމް މާއްދާއިންނެވެ. ވީމާ ދެންވެސް ކެއުމުގައި ލޮނު ހިމެނޭ މިންވަރާ މެދު ވިސްނާލާށެވެ.