އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނަށް ރަށްތަކަށް ވަޑައިގަންނަވާއިރު މުޒާހަރާ ކުރާނަމަ އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް އެ ޕާޓީގެ ޗެއާޕާސަން އަދި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދެއްވައިފި އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެމްޕެއިނަށް ހުރަސްއަޅަމުންދަނީ ރައީސް ސާލިހާއި ވާދަކުރާނެ ކެނޑިޑޭޓެއް އެ ފަރާތްތަކަށް ނުދެއްކިގެން އުޅޭތީ ކަމަށެވެ. ފައްޔާޒު ވިދާޅުވީ މިއީ ހުރިހާ ޕާޓީތަކުން ވެސް ކެމްޕެއިން ކުރަންވީ ވަގުތުކަމަށާއި، އެހެންކަމުން އެމްޑީޕީއަށް ވެސް ކެމްޕެއިން ކުރަން ޖާގަ އޮންނަންވާނެ ކަމަށެވެ

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިނަށް ހުރަސަ އަޅާ ނަމަ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިދިކޮޅު ފަރާތް ކަށް ވެސް ކެމްޕެއިން ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން 2018 ގައި އެބޭފުޅުންގެ ވެރިކަމުގައި ކެމްޕޭނު ކުރަން ޖެހުނީ ނުހަނު ބިރުވެރިކަމާއެކީ. ވާނެ ގޮތެއް ނޭނގި ކޮންމެ ދުވަހަކު މަގު މައްޗަށް ނުކުންނަން ޖެހެނީ. މިއަދު އެބޭފުޅުން އެ ނިކުންނަވަނީ އެކަހަލަ އެއްވެސް ބިރުވެރިކަމެއް ނެތި. އެހެންވީމަ ކެމްޕޭން ކުރައްވާ އަޅުގަނޑުމެންގެ ކެމްޕޭނަށް ހުރަސް ނާޅުއްވާ. ރައީސަކީ ވަރަށް ހިތްތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭނަށް ތާއަބަދު އެގޮތަށް ހުރަސް އަޅާކަމަށްވަންޏާ ދިވެހިރާއްޖޭގެ އެންމެ ރަށަކަށް ވެސް އެބޭފުޅުންނަށް ކެމްޕޭނެއް ނުކުރެވޭނެ!" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު މިފަދަ އިންޒާރެއް އިދިކޮޅު ފަރާތްތަކަށް ދީފައިވާއިރު ރައީސް ސޯލިހު ކެމްޕޭނަށް އިއްޔެ ފުއްވުލަކަށް ވަޑައިގަތުމުން އިދިކޮޅު މީހުން ނުކުމެ އެ މަނިކުފާނާ ދެކޮޅަށް އިހުތިޖާޖުކުރި އެވެ. އިހުތިޖާޖު ރޫޅާލައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މި އިހުތިޖާޖުގައި ފުލުހުންނާއި އާންމުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.