ޑެންމާކާއި ސްވިޑްންގައި ގުރުއާން އެންދުމުގެ ސަބަބުން ދުނިޔޭގެ މުސްލިމުންގެ ނުރުހުން އެދެ ގައުމަށް އަމާޒުވަމުން ދާތީ އެފަދަ ހަރަކާތްތައް އެގައުމުގައި ހިންގުން މަނާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުންގެންދާ ކަމަށް ޑެންމާކް ސަރުކާރުން ބުނެފި އެވެ.
މުޒާހަރާގެ ތެރެއިން ގުރުއާން އެންދުމުގެ ހާދިސާ ނުހުއްޓުވެނީ ޑެންމާކާއި ސްވިޑްންއިން ބުނާގޮތުން ނަމަ އެ އަމަލު ހިންގަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކަމުގައި ވެފައި އެކަން ހުއްޓުވޭ ފަދަ ގާނޫނެއް ނެތުމުންނެވެ.
ޑެނިޝް ސަރުކާރުން ބުނި ގޮތުގައި މުޒާހަރާތަކުގެ ތެރެއިން އެހެން ގައުމުތަކަށާއި ދީންތަކަށާއި ސަގާފަތްތަކަށް ފުރައްސާރަ ކުރުމުގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަންތައް ހުއްޓުވޭނެ ގޮތްތަކެއް ހޯދަން މިހާރު ގެންދަނީ ވިސްނަމުންނެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުގައި މުޒަހަރާކުރާ މީހުންގެ އެބާވަތުގެ އަމަލުތައް ހުއްޓުވަން ޖެހޭނީ ގާނޫނު އަސާސީއާއި ގަވާއިދުތަކުގެ ތެރެއިންނެވެ. ހަމަ އެފަދައިން ޑެންމާކުގެ ގައުމީ މިންގަނޑެއް ކަމުގައި ބަލައިގެންފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށެވެ.
ޑެންމާކާއި ސްވިޑްނަގައި މުޒާހަރާގެ ތެރެއިން ގުރުއާނަށް އިހާނާތްތެރިކޮށް ހިތި މައްސަލައިގައި އެ ދެގައުމަށް ވަނީ މުސްލިމު ގައުމުތަކާ އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކަށް އަސަރުކުރާ ފެންވަރަށް މައްސަލަ ޖެހިފަ އެވެ.
ޑެންމާކު ސަރުކާރުން ނެރުނު ބަޔާނުގައިވާ ގޮތުގައި ފަހަކަށް އައިސް ހިނގައި ދިޔަ މުޒާހަރާތަކުގައި ހިންގި އަމަލުތަކުގެ ސަބަބުން ޑެންމާކަކީ އެހެން ގައުމުތަކާއި ދީންތަކާއި ސަގާފަތްތަކަށް ފުރައްސާރަ ކުރުމަށް ހިތްވަރު ދޭ ގައުމެއްގެ ގޮތުގައި ލޭބަލްވާ ހިސާބަށް ކަންތައް ހިނގައްޖެ އެވެ.
ޑެންމާކާ ސްވިޑްންގައި ހިންގި ގުރުއާނަށް އިހުތިރާމް ކުޑަކުރުމުގެ އަމަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މުސްލިމު ގައުމުތަކުގެ ބައްދަލުވުމެއް ސައޫދީ އަރަބިޔާގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.