ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފި އެވެ.

ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 3:00 އަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ދުވަހު ވަނީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. ނަމަވެސް ޕީޕީއެމުން ބުނަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ރައީސް ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.