ނިދުމަކީ އިންސާނާގެ ހަށިގަނޑާ ވަރަށް ބޭނުންތެރި އަދި ހަމަ އެހާމެ ފައިދާވެސް ހުރި ކަމެކެވެ. އިންސާނަކަށް ހަރުއެއްޗެއް ނުކައި ދެހަފްތާއަށްވުރެ ގިނަ ދުވަހު އުޅެވޭއިރު، ދިހަ ދުވަސް ވަންދެން އެއްވެސް ވަރަކަށް ނުނިދައި އުޅެފިނަމަ މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ސައިންސްވެރިން ކުރި ދިރާސާއަކުން މިވަނީ ހޯދާފަ އެވެ.

އާންމު ގޮތެއްގައި ނިދި ހަމަ ކުރުމަށް 8 ގަޑިއިރު ނިދުމަށް ސިއްހީ މާހިރުން ލާފާ ދެއްވި ނަމަވެސް، ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން އެހާވަރަށް ނިދި ލިބޭ މީހުން ވަރަށް މަދެވެ. އިންސާނެއްގެ އުމުރުގެ ތިންބައިކުޅަ އެއްބައި ނިދުމުގައި ހޭދަކުރާއިރު މިކަމުން ވެސް އެނގެނީ ނިދީގެ މުހިއްމު ކަމެވެ.

ނިދާފައި އޮންނައިރު ހަށިގަނޑަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހީވި ނަމަވެސް އެ ގަޑިއަކީ ހަގީގަތުގައި ސިކުނޑި އެންމެ ގަދަޔަށް މަސައްކަތް ކުރާ ގަޑި އެވެ. ދިރާސާތަކުންނާއި ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުންނަމަ، ހަމަ ނިދި ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީ ދާއިމީ ބަލިތަކަށް ނުވަތަ އުމުރު ކުރުވުމަށް ވެސް މަގުފައި ކުރުވާ ކަމެކެވެ.

ރޭގަނޑު ނިދުމުގައި އުނދަގޫތަކެއްވާ ނަމަ ދުވާލު ގަޑީގައި ނިދުން ހުއްޓާލުން ރަނގަޅެވެ. ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދާލުމަކީ މީހާ ބޯހަމަ ޖައްސައިދޭނެ ކަމެކެވެ. އެހެންނަމަވެސް މާގިނަ އިރު ނިދުމަކީ މީހާގެ ރޭގަނޑުގެ ނިންޖަށް ބުރޫ އަރާ ކަމެކެވެ. އެހެންކަމުން ދުވާލު ގަޑީގައި ނިދާ ވަގުތުކޮޅު ވީހާވެސް ކުޑަ ކުރުން ވަރަށް މުހިއްމެވެ.

ހަމަ އެހެންމެ ނިދުމުގެ ކުރިން ކަސްރަތު ކޮށްލުމަކީވެސް ނިިދުމަށް ފަސޭހަ ވެގެންދާނެ ކަމެކެވެ. ސަބަބަކީ ކަސްރަތު ކުރުމުން ސިކުނޑީގައި ސެރޮޓިނިން ހޯމޯންގެ އުފެއްދުންތެރިކަން އަވަސްކޮށް ދިނުމެވެ. ހަމައެއާއެކު އެއީ ކޯޓިސޯލް ނުވަތަ ސްޓްރެސް ހޯމޯން ލެވެލް ދަށް ކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.