ނައިޖީރިއާއަށް ނިސްބަތްވާ އާޓިސްޓެއް ކަމަށްވާ ހަނީފާ އާދަމް އެންމެ ފުރަތަމަ "ހިޖާބީ"ގެ ނަމުގައި އިންސްޓަގްރާމް ޕޭޖެއް އުފެއްދީ މިހާރު ފެތުރިގެން މިއުޅޭ "ބާބީ" ހުންގަނޑު އައުމުގެ މާ ކުރިން 2015 ވަނަ އަހަރު އެވެ.

އާއްމުކޮށް ވިއްކަން ހުންނަ ކުޅޭ ތަކެތީގައި އޭނާ ލާ ކަހަލަ ހެދުމެއް އަޅައިގެން ހުންނަތަން ނުފެންނާތީ ހަނީފާ ބޭނުންވީ އޭނާގެ އަމިއްލަ ބްރޭންޑެއް އުފައްދާށެވެ.

އެގޮތުން ހިޖާބީގެ ނަމުގައި މުސްލިމުންގެ ހެދުން އެޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް އޭނާ އުފެއްދި ބްރޭންޑަށް މުސްލިމް ގިނަ މައިންބަފައިންގެ ތަރުހީބު ލިބުނެވެ.

އޭގެ ހަތް އަހަރު ފަހުން މިއަދުގެ ހާލަތަށް ބަލާއިރު ހަނީފާ ވަނީ އޭނާގެ ޕޭޖުގައި 200 އަށްވުރެ ގިނަ ފޮޓޯ ހިއްސާ ކޮށްފަ އެވެ. އެ ޕޭޖަށް 59000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރާއިރު އޭގެ ތެރޭގައި މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް ހިމެނެ އެވެ.

ދިގު މެދު ކެނޑުމަކަށްފަހު މިފަހުން ނުކުތް "ބާބީ" ފިލްމްއާ ގުޅުވައިގެން ހަނީފާ އަނެއްކާ ވެސް މިވަނީ އޭނާގެ ޕޭޖުގެ މަސައްކަތް އަލުން ފަށާފަ އެވެ.

ހަނީފާ ބުނާ ގޮތުގައި އޭނާގެ ބްރޭންޑް "ހިޖާބީ"ގެ ސަބަބުން ބުރުގާ އަޅައިގެން އުޅޭ ކުޑަކުދިންނަށް އެކަހެރިކަމުގެ އިހްސާސްވުން ކުޑަ ކޮށްދޭ ކަމަށާއި އެއީ އެ ބްރޭންޑުގެ މަގުސަދު ކަމަށެވެ.

ހަނީފާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އޭނާގެ މަސައްކަތް އިތުރަށް ފުޅާކޮށް ދުނިޔޭގެ ފެންވަރުގައި މުސްލިމުންގެ ސަގާފަތް އިތުރަށް އާލާކޮށް ދިރުވުމެވެ.