މޫސުން ގޯސްވުމުގެ ސަބަބުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަސްކޮށްފި އެވެ.

އެމްޑީޕީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ދ. އަތޮޅަށް ކުރައްވާ ދަތުރު ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ގދ. އަދި ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް މިހާތަނަށް ވަނީ ހއ. ށ. ވ އަދި މ އަތޮޅުގެ ހުރިހާ ރަށަކަށާއި ފުވައްމުލަކަށް ވަޑައިގެންފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫއަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް ސޯލިހު މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.