މަގު ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތްކުރެވޭނީ ރޭގަނޑުކަމުގައި ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އަލަށް ގެނައި ބަދަލާއެކު މަގު ބަންދުކޮށްގެން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދޫކުރާނީ އިރުއޮއްސި 6:00 ން ފެށިގެން ރޭގަނޑު 12:00އާ ހަމައަށް ކަމަށެވެ.

ސިޓީ ކައުންސިލުން މިބަދަލު ގެނައީ މާލޭގެ މަގުތަކުގައި މުދާ އުފުލޭ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ގެނައި ބަދަލާ ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިން ދުވާލުގެ ވަގުތުގައި މަސައްކަތް ކުރުމަށް މަގު ބަންދުކުރުމުގެ ހުއްދަ ދޭންފެށީ ކޮވިޑްގެ ޙާލަތާ ގުޅިގެން، ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރިއަށްގެން ދިއުމަށް ކަމަށެވެ. ނަމަވެސް މިހާރު ސްކޫލްތަކާއި އޮފީސްތައް ހުޅުވުމާއި ގުޅިގެން ދުވާލުގެ ވަގުތުގައި މަގު ބަންދުކުރާ ނަމަ ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮންސްޓަކްޝަން މަސައްކަތަށް ބޭނުންވާ މުދާ އުފުލޭ ވަގުތައް ބަދަލުވެގެނެސްފައިވަނީ، ސްކޫލްތައް ހުޅުވުމާއި ގުޅިގެން މަގުތަކުގެ ތޮއްޖެހުން ވީހާވެސް ކުޑަކޮށް ޢާއްމުންނަށް ފަސޭހަކުރުމުގެ ގޮތުންނެވެ. ނަމަވެސް މިހާރު ވަނީ މިފަދަ މުދާ އުފުލޭނެ ޚާއްސަ ގަނޑިތަކެއް ކަނޑައަޅާފަ އެވެ.

އެގޮތުން މާލެއާއި ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަ ތަކެތި ހަވީރު 6:00 ން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިނޫން ވަގުތުގަކުގައި މިފަދަ މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިމާރާތްކުރުމުގެ ދާއިރާގެ ރައްކާތެރިކަން އިތުރުކުރުމަށް، ސިޓީ ކައުންސިލުން އަންނަނީ ކޮންސްޓަރަކްޝަން ސައިޓްތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެ އެވެ.