2017 ވަނަ އަހަރުގެ މިސް ވޯލްޑް ބިއުޓީ ޕެޖަންޓް އިންޑިއާގެ މަނޫޝީ ޗިއްލަރު ކާމިޔާބު ކުރުމާއެކު އޭނާއަށް ބޮލީވުޑްގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އެންމެން ވެސް ހީކުރި އެވެ.
ވާނީވެސް އެހެންނެވެ. މީގެ ކުރިން މިސް ވޯލްޑް ކާމިޔާބުކުރި އިންޑިއާގެ ބައިވެރިންނަށް ބޮލީވުޑްގައި ކާމިޔާބު ކެރިއަަރެއް ލިބިފައިވެ އެވެ. އައިޝްވާރްޔާ ރާއީއާއި ޕްރިޔަންކާ ޗޯޕްރާއަކީ އޭގެ މިސާލުތަކެވެ.
ހީކުރި ގޮތަށް އޭނާއަށް ބޮލީވުޑްގެ ގިނަ ފުރުސަތުތަކެއް ލިބެން ވެސް ފެށި އެވެ. އެހެން ނަމަވެސް ކުރީގެ މިސް ވޯލްޑް ތަރިންނެކޭ އެއްފަދައިން ބޮލީވުޑްގައި އޭނާގެ ނަން ދެމެހެއްޓިފައެއް ނުވެ އެވެ.
މަނޫޝީ ބޮލީވުޑަށް ތައާރަފްވީ 2022 ވަނަ އަހަރު ނުކުތް "ސަމްރާތު ޕްރިތުވީރާޖް" އިން އަކްޝޭ ކުމާރުއާ އެކުގަ އެވެ. އެހެން ނަމަވެސް އެ ފިލްމު ދިޔައީ ބެލުންތެރިންގެ ލޮލުގައި އަޅައިނުގަނެ އެވެ.
ކުރިއަށް ވެސް އޭނާގެ ބައެއް މަސައްކަތްތައް ހުރިއިރު ބޮލީވުޑްގެ ހަބަރުތަކުން މަނޫޝީގެ އަޑު އިވެނީ ވަރަށް މަދުންނެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާއަކީ ފަނޑު މިސް ވޯލްޑެކެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަނޫޝީ ބުނީ ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާނަމަ ބޮލީވުޑްގައި ކުރިއަށް އެރުމަކީ ގޮންޖެހުންތައް ގިނަ ކަމެއް ކަމަށެވެ.
އެގޮތުން އޭނާއަކީ ވެސް އާދައިގެ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެކަން ވެފައިވަނީ އޭނާގެ ކެރިއަރަށް އޮތް ހުރަހެއް ކަމަށް މަނޫޝީ ބުންޏެވެ.
ކަން އެހެން އޮތްް ނަމަވެސް މަނޫޝީ ބުނީ އޭނާ ހުރީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށާއި ބޮލީވުޑްއިން އިތުރު ފުރުސަތުތައް ހޯދުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.