ދަރަނީގެ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލްއަށް ބޭންކުން އިންޒާރުދީ އޭނާގެ މިލްކިއްޔާތެއް ވިއްކާލަން ހުޅުވާލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބޭންކް އޮފް ބަރޯޑާއަށް ދައްކަންޖެހޭ 55 ކްރޯޑް ރުޕީސް ނުދައްކައިގެން ސަނީއަށް ނޯޓިސް ފޮނުވާފައިވާއިރު އެކަމުގެ ސަބަބުން ރަހުނުގެ ގޮތުގައި އޭނާ ބޭއްވި ޖުހޫގައި ހުންނަ ގެ ވަނީ ވިއްކާލަން އިއުލާން ކޮށްފަ އެވެ.

މީޑިއާއަށް އާއްމުވެފައިވާ އެ ނޯޓިސްގައިވާ ގޮތުން ސަނީ އެ އަދަދު ނުދައްކައިފިނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު މުމްބާއީގެ ޖުހޫގައި ހުންނަ އޭނާގެ ބަންގަލޯ ނީލަމަށް ހުޅުވާލާނެ އެވެ.

ބޭންކުން ސަނީއަށް ނޯޓިސް ފޮނުވާފައި މިވަނީ އެންމެ ފަހުން ނުކުތް އޭނާގެ ފިލްމު "ގަދަރް 2"އަށް ގިނަ ކާމިޔާބީތަކެއް ލިބެމުން އަންނަނިކޮށެވެ.

އެގޮތުން އެ ފިލްމު ނެރެގެން ފާއިތުވީ 10 ދުވަހުގެ ތެރޭގައި 300 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މިކަމާ ބެހޭގޮތުން ސަނީ ނުވަތަ ޑިއޯލް އާއިލާގެ އެއްވެސް މެމްބަރެއްގެ ބަހެއް އަދި މީޑިއާއަށް ލިބިފައެއް ނުވެ އެވެ.