މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ހިންގާ ޕްރޮޖެކްޓުގެ ދަށުން މިހާރު މަގު ފުޅާކުރި ބައި ނިމި، އަލުން މަގު ހުޅުވާލާއިރު އެ ސަރަހައްދުގައި ޕާކުކުރުން މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ހަފުތާ ބަންދުގައި ގެނެސްދޭ ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް މުޅި ރަށުގެ ވަށައިގެން ރިންގް ރޯޑެއް ގޮތަށް ބަދަލުކުރުމުން ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ބާޒާރުމަތީ ސަރަހައްދު ފުޅާކުރުމުގެ ސަބަބުން މިހާރު ވެސް އެ ސަރަހައްދުގެ އެތެރޭގެ މަގުތަކުގެ ކާރޫބާރޫ ކުޑަވެފައިވާއިރު، މުޅި މަޝްރޫއު ނިމި ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް މަގު ބަދަލުވުމުން މުޅި މާލޭގެ ދުއްވުމަށް އިންގިލާބީ ފަސޭހަތަކެއް ލިބޭނެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަދާ ބައިގެ މަސައްކަތް އަންނަ ހަފުތާގައި ނިމި މަގު ހުޅުވާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަގުމަތީގައި ޕާކުކުރުން މަނާކުރާއިރު، އާންމުންނަށް ދިމާވާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ ފަސް ނަމްބަރު ޖެޓީއާ ދިމާލުން ބޭރަށް ބައެއް ހިއްކައި، 500 ސައިކަލުގެ ޖާގައެއް ތައްޔާރުކޮށްފަ އެވެ. މީގެ އިތުރުން މިހާރު ކުރިއަށްދާ ފިޔަވަހި ނިމުމުން އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަގު ފުޅާކުރުމަށް ފަޅުން ބައެއް ނަގާތީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ރައީސް ވިދާޅުވީ ފަޅު ހަނިވި ކަމުގައި ވިޔަސް ލޯންޗުތައް ކައިރިކުރަން އޮންނަ ސަރަހައްދު ކުރިއަށް ވުރެ އިތުރުވެ، ފަސޭހަވެގެންދާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ އިތުރުން މާލޭގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ޗައިނާގެ ހިލޭ އެހީގައި ކުރިއަށް ގެންދަން ސަރުކާރުން ވަނީ ރާވާފަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ސަރުކާރުން ބުނާއިރު، މަގުތައް ހެދުމުގެ މަޝްރޫއާއި ޕާކިން ބިލްޑިންތައް އެކުއެކީގައި ނިމުމުން، މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައާއި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ އެވެ.
އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަކަށް ހަމަލާދީފި
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފި
ޓްރަމްޕްގެ ތުހުމަތުތަކުން އެމެރިކާއާއި ޗައިނާގެ ގުޅުން ގޯސްވެދާނެ