ރޭގަނޑުގެ އަރާމު ނިދި ލިބުމަށް ހުރަސް އަޅަނީ ދަންވަރު ދެއިރަށް ހޭލެވޭތީ އެވެ. ކިތަންމެ އަރާމު ނިންޖަކުން ނިދިފައި އޮތަސް މަދުވެގެން ދެތިން ފަހަރު ހޭނުލެވޭ ރެއެއް މަދުވާނެ އެވެ. މިއީ ވަރަށް ގިނަ ބައެއްގެ ޝަކުވާ އެކެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ނިދާ ކޮޓަރީގެ މާހައުލު

ނިދަން އޮންނަ ތަނުގެ ގޮތުންވެސް ނިދަން އުނދަގޫވެދާނެ އެވެ. ގިނަ މީހުންނަށް ހޭލެވޭނީ ނިދުމުގެ ފުރަތަމަ މަރުހަލާގަ އެވެ. އެގޮތުން ކޮޓަރި މާ ހޫނު ނުވަތަ ފިނިވުމާއި، މާބާރަށް ކޮޓަރީ ދޮރުލެއްޕުމާއި ކޮޓަރިން ބޭރުން އަލި އެޅުމަކީ ނިދަން އުނދަގޫވެދާނެ ބައެއް ސަބަބުތަކެވެ. ފުރިހަމަ، އަރާމު ނިދި ހޯދުމަށްޓަކައި ކޮޓަރިއަކީ އަނދިރި އަދި ފަސޭހަވަރަކަށް ފިނި، އަޑުމަޑު ތަނަކަށް ވާން ޖެހޭނެ އެވެ.

އެންޒައިޓީ

އެންޒައިޓީގެ ސަބަބުން ދިމާވާ މައްސަލަތައް ކަމުގައިވާ ހިތުގެ ވިންދު އަވަސްވުމާއި ބިރުވެރި ހުވަފެންތައް ފެނިގެންވެސް ދަންވަރު ހޭލެވިދާނެ އެވެ. މީގެ އިތުރުން ބައެއް މީހުންނަށް ނިދީގައިވެސް ޕެނިކް އެޓޭކް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ތައިރޮއިޑް ގްލޭންޑް

ތައިރޮއިޑް ގްލޭންޑަކީ އެހެން ގިނަ ގުނަވަންތައް މަސައްކަތްކުރާ ގޮތް ކޮންޓްރޯލްކުރާ އެއްޗެކެވެ. މި ގްލޭންޑް މާބޮޑަށް އެކްޓިވްވުމަކީ މާގިނައިން ހޯމޯން ތައިރޮކްސިން އުފައްދައިދޭ ކަމެކެވެ. ތައިރޮކްސިންގެ އަސަރު ހަށިގަނޑުގެ އެހެނިހެން ނިޒާމްތަކަށްވެސް ފޯރާނެ އެވެ. ނިދުމުގައި ދަތިތައް ދިމާވުމާއި، ހާޓް ރޭޓް އަވަސްވުމާއި، މާގިނައިްނ ދާހިއްލުމުގެ އިތުރުން އެންޒައިޓީ އަކީ މާބޮޑަށް އެކްޓިވް ތައިރޮއިޑް ގްލޭންޑެއް ހުރުމުގެ ބައެއް އަލާމާތްތަކެވެ.

ސްލީޕް އެޕްނިއާ

ސްލީޕް އެޕްނިއާ އަކީ ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވަރަށް އާންމު ސިއްޙީ މައްސަލަ އެކެވެ. ސްލީޕް އެޕްނިއާގައި ނިދާފައި އޮއްވާ ނޭވާލާ މިންވަރު މަޑުވެ ނުވަތަ މުޅިން އެއްކޮށް ހުއްޓެ އެވެ. މި މައްސަލައަށް އޮތް އެންމެ އާންމު ފަރުވާ އަކީ މެޝިނެއް ބޭނުންކޮށްގެން ނޭވާލާ ހޮޅި ސާފު ކުރުމެވެ.