އަދަދު ނޫހުން ނެރުނު އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހޯމް މިނިސްޓަރުގެ ނައިބު އަމާނީ މުހައްމަދު ހިލާފުވެއްޖެއެވެ.

ފޭސްބުކުގައި ކުރި ޕޯސްޓެއްގައ އަމާނީ ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެކި ވާހަކަތައް ލިޔެފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒާ ކުރި ސުވާލަކީ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލެއް ކަމަށް ކަނޑައަޅައި އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ނަމަވެސް ސަރުކާރުގެ ނައިބު ވަޒީރަކު ފާޅުގައި އެ ވާހަކަ ދައްކާއިރު، ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން އެއްވެސް އެއްޗެއް ނުބުންޏެވެ.

https://www.facebook.com/share/p/1CsbLb8MAh/

ރައީސް މުއިއްޒާ ސުވާލުކުރުމުގެ ކުށުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އަދި އެ ކޯޓު އަމުރު ނެރުނު ހަބަރު ލިޔުނީތީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ކޯޓު އަމުރަކީ ރައީސް މުއިއްޒުގެ ނުފޫޒުން ނެރުނު އަމުރެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.