"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފު ދެވަނަ ފަހަރަށް މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ފުލުހަށް ހާޒިރުވުމަށްފަހު އީޝާ ވަނީ ސޯޝަލް މީޑިއާގައި މާނަފުން މެސެޖެއް ހިއްސާކޮށްފަ އެވެ.
އީޝާގެ މެސެޖުގައި އޭނާ ބުނެފައި ވަނީ، އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ހަގީގަތް ހާމަކުރަން ތައްޔާރަށް ތިބި މީހުންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށެވެ.
"ރައްޔިތުންނަށް ބޭނުންވަނީ ދެފުށް ފެންނަ، ޒިންމާދާރު އަދި ރައްކާތެރިކަން ލިބިގެންވާ ނިޒާމެއް. ބިރުވެރިކަމާއި އޮޅުންބޮޅުންގަނޑެއް ނޫން. އިރާދަކުރެއްވިއްޔާ ހަގީގަތް ވަރަށް އަވަހަށް ހާމަވާނެ،" އީޝާ ލިޔެފައިވެ އެވެ.
މިއަދު ފުލުހަށް ހާޒިރުކުރުމަށްފަހު، އީޝާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ، އޭނާގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފުލުހުން ދީފައި ނުވާ ކަމަށާއި، އެކަމަށް ފުލުހުން ހުރަސްއަޅާފައިވާ ކަމަށެވެ.
އީޝާގެ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު ޝަމީމް ވިދާޅުވީ އީޝާއާ މިއަދު ސުވާލުކުރީ ގަޒުފުކުރުމުގެ (މީހެއްގެ އަބުރަށް އަރައިގަތުމުގެ) ކުށާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް އޭނާގެ މުވައްކިލު އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ތަހުގީގުގައި ބުނެފައިވާނެ ކަމަށް ޝަމީމް ފާހަގަކުރެއްވި އެވެ.
މިއަދުގެ ބަޔާން ނެގުމަށްފަހު، މި މައްސަލައިގައި އީޝާއާ ގުޅޭގޮތުން ފުލުހުން ނަގަން ބޭނުންވާ ހުރިހާ މައުލޫމާތެއް ނަގައި ނިމިފައިވާކަން ފުލުހުން އަންގާފައިވާ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ. އެހެން ނަމަވެސް، ފުލުހުން ކޯޓަށް ހުށަހެޅި ސިއްރު އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް އީޝާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފަ އެވެ. އޭނާ ފުރުން މަނާކުރި ނަމަވެސް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައެއް ނުވެ އެވެ.
މި މައްސަލައަކީ "އައިޝާ" ޑޮކިއުމެންޓްރީގައި، ރައީސް މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް ބުނެ ކުރި ތުހުމަތުތަކަކާ ގުޅިގެން ހިނގަމުންދާ މައްސަލައެކެވެ. އެ ޑޮކިއުމެންޓްރީގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ވަޒީފާއެއް ދޭނެ ކަމަށް ބުނެ ރައީސް އޮފީހަށް ގެންގޮސް ރައީސް ވަނީ ޒުވާން އަންހެން ކުއްޖަކާ ގުޅުން ބާއްވާފަ އެވެ. އަދި ރައީސް އޮފީހުގެ ކޮޓަރިކޮޅުގައި ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށާއި، އެކި ފަހަރުމަތިން ފައިސާ ދީފައިވާ ކަމަށް ވެސް ޑޮކިއުމެންޓްރީގައި ވާހަކަދެއްކި އަންހެން މީހާ ވަނީ ތުހުމަތުކޮށްފަ އެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން ރައީސް މުއިއްޒު ވަނީ، އެ ޑޮކިއުމެންޓްރީ އުފެއްދުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސްގެ އިންޒާރާއެކު އަދަދު ނޫސް ހިންގާ އިމާރާތަށް އެދުވަހު ފުލުހުން ވަދެ ވަނީ އެތަނުގައި ބޭނުންކުރާ ބައެއް އިކުއިޕްމެންޓް ގެންގޮސްފަ އެވެ.
މި މައްސަލައާ ގުޅިގެން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި ވެސް ވަނީ ރައީސަށް ކުރެވޭ ހުތުރު ތުހުމަތުގެ ވާހަކަތައް ގެނެސްދީފަ އެވެ. ގިނަ ބަޔަކު ބުނަމުންދަނީ ރައީސް ޖަޒުބާތުގައި ޖެހިވަޑައިގެން މީޑިއާއަކާ ދެކޮޅަށް ފުލުހުން ފޮނުއްވުމަކީ ކުރެއްވުނު މޮޔަ ކަމެއް ކަމަށެވެ.
ގޭމް ކުޅުންތެރިންނަށް ހާއްސާ ގޭމްއޮން އެޑްއޮންތަކެއް
ބޭރު ފައިސާ ހޯދަން ގޮންޖެހުމެއް، ނުރައްކާ ބޮޑު: އޮޑިޓް އޮފީސް
ބްލޭކްއާއި ޖަސްޓިންގެ ގާނޫނީ ކޯޅުން އެންމެ ފަހުން ނިންމާލައިފި