ހައިޕަ ޓެންޝަން ނުވަތަ ލޭގެ ޕްރެޝާ މައްޗަށް ދިއުމަކީ ދިވެހިންގެ ތެރޭގައި ގިނަ ބަޔަކަށް ދިމާވާ ވަރަށް އާންމު ސިއްހީ މައްސަލައެކެވެ. ލޭގެ ޕްރެޝަރު މަތި ވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް ގިނަ ބަޔަކަށް ވަނީ ބޭހުގެ ބޭނުން ހިފަން މަޖުބޫރުވެފަ އެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ ބައެއް އާދަކާދަތަކަށް ގެންނަ ކުޑަ ބަދަލަކުން ވެސް މިފަދަ ކަންކަމަށް ހައްލު ލިބިގެންދާތަން ފެނެ އެވެ.

އެގޮތުން ބަލާއިރު އަހަރެމެންގެ ކޮންމެ ދުވަހެއްގެ ކާނާގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނުމަކީ ލޭގެ ޕްރެޝަރު މަތިވިޔަ ނުދިނުމަށްޓަކައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މޭވާ އާއި ތަރުކާރީގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް، މެގްނީސިއަމް އަދި ފައިބާ ހިމެނެ އެވެ. މީގެ އިތުރުން ގިނަ އަދަދަކަށް ސޯޑިއަމް އެކުލެވޭ ކާނާ އާއި ދުރުހެލިވުމަކީ ވެސް ލޭގެ ޕްރެޝަރު ދަށްކުރުމަށް ކުރެވިދާނެ ކަމެކެވެ.

ދެން ފާހަގަކޮށްލެވޭ އަނެއްކަމަކީ ގިނައިން ފެންބުއިމެވެ. ދުވާލެއްގެ މައްޗަށް ހައެއް ނުވަތަ އަށް ތަށީގެ ފެންބުއިމަކީ ހަށިގަނޑުގައި ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް ކުރެވޭނެ ވަރަށް ކުޑަކުޑަ ނަމަވެސް އެހާމެ ފައިދާހުރި ކަމެކެވެ.

މީގެ އިތުރުން ވެސް ގަވާއިދުން ކަސްރަތުކުރުމާއި ސިއްހަތަށް ގެއްލުން ލިބޭ ފަދަ ނުރަނގަޅު އާދަތަކުން ދުރުވުމަކީވެސް ލޭގެ ޕްރެޝަރު ދަށް ކުރުމަށް ކުރެވޭނެ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުމާއި ބަނގުރާ ބުއިން ފަދަ ނުރަނގަޅު އާދަތަކަކުގެ ސަބަބުން ހަށިގަނޑުގެ ލޭ ނާރުތަކަށް ގެއްލުން ލިބި އެވެ. މިހެންވުމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދާން މަގުފަހިވެ އެވެ. ވީމާ މި ފަދަ ނުރަނގަޅު އާދަތައް ދޫކޮށްލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.