ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ކުރުވާ އެއްޗެކެވެ. އަދި ދެރަކަމަކީ މިއީ އިންތިހާއަށް ދެވި ހިފާ، އަދި ފަސޭހައިން ހުއްޓާލެވޭ ކަމަކަށް ވެސް ނުވުމެވެ.

ސިނގިރޭޓަށް ދެވިހިފާ މައިގަނޑު ސަބަބަކީ އޭގައި އެކުލެވޭ ނިކޮޓިންގެ މާއްދާ އެވެ. ދެވިހިފުމަކީ އަދި ނިމުމެއް ނޫނެވެ. ހުއްޓާލަން ބޭނުން މީހުން ހިތްވަރެއް ހުރިއްޔާ ހަމަ މިހާރުއްސުރެ ވެސް އެ މަސައްކަތް ފަށަންވީ އެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭނެ ކަމަކީ ގަދައަށް ސިގިރޭޓް ބޯ މީހުން އެކަން ކުރުން ހުއްޓާލައިފި ނަމަ ގިނަ ސައިޑް އިފެކްޓްސްތަކެއް ފެންނާނެ ކަމެވެ. އެހެން ކަމުން ސިއްހަތަށް ފައިދާ ހުރި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ހޯދަން އެބަޖެހެ އެވެ.

ޔުނިވަސިޓީ އޮފް ބަފަލޯ ޕަބްލިކް ހެލްތް އެންޑް އިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ގިނައިން މޭވާ އާއި ތަރުކާރީ ކާ ނަމަ ގިނަ ދުވަސް ވަންދެން ދުންފަތާއި ދުރުގައި ހުރުމަށް އެހީތެރިވެދެ އެވެ.

މޭވާ އާއި ތަރުކާރީ ކެއުމުން ސިގިރޭޓު ބުއިމުން ދުރުވަނީ ކީއްވެ؟

  • ނިކޮޓިން ޑިޕެންޑެންސް ދަށްވުން
  • ހަށިގަނޑަށް ފައިބާ ލިބުމުން ބަނޑުހައިނުވެ ގިނަ އިރު ހުރެވުން
  • ދުންފަތުގެ ރަހަ ނުބައިކޮށްދިނުމަށް އެހީވުން
  • ސިއްހަތު ރަނގަޅު ކާނާ ކަން ފެށުމުން އަމިއްލައަށް ވެސް ސިނގިރޭޓް ބުއިން ފަދަ ކަންތައްތަކުން ދުރުވުން

ސިނގިރޭޓު ބުއިން ހުއްޓާލަން ބޭނުންވާ މީހުން ކާން ރަނގަޅު 5 މޭވާ

އޮރެންޖު

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. މީގެ ސަބަބުން ސިނގިރޭޓުގެ ދުމުން ހަށިގަނޑަށް އެތެރެވާ ޓޮކްސިކް މާއްދާތައް ނައްތާލާ، މެޓަބޮލިޒަމް އިތުރުކޮށްދީ ލޭގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވެ އެވެ.

ކިވީ

ސިނގިރޭޓް ބުއިމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިޓަމިން އޭ، ސީ އަދި އީ ދަށްވެ އެވެ. އެހެން ކަމުން ކިވީ ފަދަ މި މައްދާތައް ގިނަ މޭވަތައް ކެއުމުން ހަށިގަނޑުގެ ނިއުޓްރިޝަނަލް ލެވެލް ބެލެންސް ކޮށްދޭނެ އެވެ.

ފެން

ފެންބުއިމުން ނިކޮޓިންގެ ސަަބަބުން ހަށިގަނޑަށް ވެފައި ހުންނަ ގެއްލުންތައް ރަނގަޅުކޮށްދެ އެވެ. ނިކޮޓިން އަކީ ހަށިގަނޑު ޑީހައިޑްރޭޓް ކޮށްލާ އެއްޗެވެ. އެހެން ކަމުން ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯންޖޭހެ އެވެ.

ސްޕިނެޗް

ދިރާސާތަކުން ދައްކާ ގޮތުގައި ސިނގިރޭޓް ނުބޯ މީހުންނަށް ވުރެ ސިނގިރޭޓް ބޯމީހުންގެ ހަށިގަނޑުގައި ފޮލިކް އެސިޑް ހުންނަ މިންވަރު މަދެވެ. މި އެސިޑަކީ ނާރުތަކާއި މަސް އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް މުހިންމު އެއްޗެކެވެ. ނަސީބަކުން ސްޕިނެޗް އަކީ މި އެސިޑް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ.

މީގެ އިތުރުން ސްޕިނެޗް އަކީ ދުންފަތުގެ ރަހަ ވެސް ނުބައިކޮށްލާ އެއްޗެކެވެ.

ކެރެޓު

ދުވާލަކު ކެރެޓު ތައްޓެއް ބޯނަމަ ހަށިގަނޑަށް އޭ، ބީ، ސީ އަދި ކޭ ލިބި، ހަށިގަނޑުގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވާނެ އެވެ.

މި ހުރިހާ ކަމަކާއި އެކުވެސް ސިނގިރޭޓް ބޯމީހަކަށް އެކަން ކުރުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު ނުހުއްޓި މާގިނަ ދުވަސްވެގެން ގޮސް އެންމެ ފަހުން ހުއްޓާލެވޭ އިރު ސިއްހީގޮތުން މީހާއަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.

ސިިނގިރޭޓު ބުއިން ހުއްޓާލަން ބޭނުންވާ ނަމަ މިފަދަ ކުދި ކުދި ބަދަލުތަކުން ފެށުމަކީ ރަނގަޅުކަމެކެވެ.