90 ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު އެއް ޖޯޑަކީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ.

"ކޫލީ ނަންބަރު 1"، "ރާޖާ ބާބޫ"، "ސާޖަން ޗަލޭ ސަސުރާލް" އަދި "ހީރޯ ނަންބަރު 1" ފަދަ ގިނަ ހިޓް ފިލްމުތަކެއް ދިން މި ޖޯޑު، ކާމިޔާބީގެ އުސްމިނުގައި ވަނިކޮށް އެކުގައި ފިލްމު ކުޅުން ހުއްޓާލި ސަބަބާ މެދު އެމީހުންނާއެކު ފިލްމުތަކުން ފެނިފައިވާ އެކްޓްރެސް ޝަގުފްތާ އަލީ ވަނީ ވާހަކަ ދައްކާފަ އެވެ.

ސިދްހާތު ކަންނަންއަށް ދިން އިންޓަވިއުއެއްގައި، "ހީރޯ ނަންބަރު 1" ގައި ގޯވިންދާ އާއި ކަރިޝްމާާއެކު މަސައްކަތްކުރި ޝަގުފްތާ އަލީ ބުނީ، މި ދެ ތަރިން އެކުގައި މަސައްކަތް ކުރުން ނިމުމަކަށް އައީ އަމިއްލަ އިސްނެގުމާއި، ޝައުގުވެރިކަން ކުޑަވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ޝަގުފްތާ ފާހަގަކުރި ގޮތުގައި ކަރިޝްމާއަކީ ވަރަށް މަސައްކަތަށް މުރާލި އެކްޓްރެސް އެކެވެ. ނަމަވެސް އޭނާގެ ކިބައިގައި ބޮޑާކަމާއި މާ ބޮޑަށް ކުރިއަރައިދިއުމުގެ އަޒުމު ހުއްޓެވެ.

"ބެލެވޭ ގޮތުގައި އެމީހުންގެ މެދުގައި އޮތް ޝައުގުވެރިކަން ކެނޑުނީ. ނުވަތަ އެކުވެރިކަމުގެ ގުޅުން ކެނޑުނީ. ހީރޮއިންއިންގެ މޫޑު ބަދަލުވާ ގޮތެއް ނޭނގޭނެ. މާ ބޮޑަށް އެމްބިޝަސް ވުމަކީވެސް ރަނގަޅު ކަމެއް ނޫން. ކަރިޝްމާއަކީ ވަރަށް މަސައްކަތްކުރާ މީހެއް، ނަމަވެސް އޭނާގެ އެޓިޓިއުޑްވެސް ވަރަށް ބޮޑު،" ޝަގުފްތާ ބުންޏެވެ.

ޝަގުފްތާ އިތުރަށް ބުނީ ފިލްމު ސެޓުގައި މަސައްކަތްކުރާއިރު އެކުގައި އުޅޭ އެކްޓަރުންގެ މެދުގައި "ދިނުމާއި ނެގުމުގެ" ސަގާފަތެއް އޮންނަންޖެހޭ ކަމަށެވެ.

މަންޒަރެއް ކުޅޭއިރު ނުވަތަ އިންޓަވިއުއެއް ދޭއިރުވެސް ދެފަރާތަށް ހަމަހަމައަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި، ކަރިޝްމާގެ އަމަލުތައް ހުންނަ ގޮތުން ބައެއް ފަހަރު އެކުގައި މަސައްކަތްކުރާ އެހެން އެކްޓަރުންގެ އެކްޓިންއަށް އަސަރުކުރާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، އެއް ޖޯޑެއް ގިނަ ފިލްމުތަކަކުން ތަކުރާރުކޮށް ފެނުމުން ބެލުންތެރިން ފޫހިވުމަކީ ވެސް މި ޖޯޑު ވަކިވާން ޖެހުނު ސަބަބެއް ކަމަށް ޝަގުފްތާ ގަބޫލުކުރެ އެވެ.

އޭނާ ބުނި ގޮތުގައި ގޯވިންދާ އާއި ކަރިޝްމާގެ ޖޯޑު ދެމިއޮތީ ބެލުންތެރިން އެމީހުން ދެކެން ބޭނުންވި މިންވަރަށެވެ. ވަކި ހިސާބަކުން އެއް ބަޔަކު އެކުގައި ފެނިފެނި "އޯވަޑޯޒް" ވުމުން، އެ ޖޯޑުގެ މަގުބޫލުކަން ކުޑަވެ، އެކުގައި މަސައްކަތްކު ރުން ހުއްޓުނީއެވެ.

ޝަގުފްތާ އަލީއަކީ ބޮލީވުޑްގެ އިތުރުން "ސަންޖީވާނީ"، "ސަސުރާލް ގެންޑާ ފޫލް" އަދި "ސަސުރާލް ސިމަރް ކާ" ފަދަ މަޝްހޫރު ހިންދީ ސީރީޒްތަކުން ފެނިގެން ގޮސްފައިވާ މަގުބޫލު އެކްޓްރެސް އެކެވެ.