ޖަޕާނު ސަރުކާރުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރު (86.3 މިލިއަން ރުފިޔާ)ގެ ސިއްހީ ސާމާނު ހަދިޔާކޮށްފި އެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން ރާއްޖެއަށް ދިން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނު ސަފީރު ކެއިކޯ ޔަނާއީ އެވެ. ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ޖަޕާން އެމްބަސީން ބުނީ އެ ގައުމުން ރާއްޖެއަށް އެތަކެތި ހަދިޔާކުރީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ދިނުމުގެގޮތުން ކަމަށެވެ.
ޖަޕާނުން ހަދިޔާކުރި ސާމާނުތަކުގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް 65 ބެޑްސައިޑް މޮނީޓަރާއި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި 19 ޑިފިބްރިލޭޓާސް، 10 ޕޯޓަބަލް އެކްސްރޭ މެޝިން 132 ސިރިންޖް ޕަމްޕާއި 132 ސިރިންޖް ޕަމްޕް އެސެސަރީޒް ހިމެނެ އެވެ. މި ތަކެތީގެ އަގު 600 މިލިއަން ޖަޕަނީސް ޔެން ނުވަތަ ގަތްގަނޑަކަށް 5.6 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ.
ކޮވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ރާއްޖޭގައި މި ބަލިމަޑުކަން ކޮންޓްރޯލްކޮށް، މިކަމުގެ ސަބަބުން ސިއްހީގޮތުންނާއި އިގްތިސާދީ އަދި އިޖްތިމާއި ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޖަޕާނުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް އެ އެމްބަސީން ބުންޏެވެ އަދި ޚާއްސަކޮށް ރާއްޖޭގެ ސިއްހީ ދާއިރާ ކޮޅަށްޖެހުމަށް ކުރާ މަސައްކަތްތަކަށް މަލީގޮތުންނާއި ފަންނީގޮތުން އެހީވުމަށް އެ ގައުމު އަބަދު ވެސް އޮތީ ތައްޔާރަށް ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ.
ރާއްޖެއިން ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ޖަޕާނުން އަންނަނީ ބޮޑެތި އެހީތަކެއް ދެމުންނެވެ. އެގޮތުން ހިލޭ އެހީއާއި ލޯނު އެހީ ވެސް ދީފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ސިއްހީ ސާމާނާއި ގިނަ އަދަދެއްގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ.