ހުކުރު ދުވަހު ފޮނުވާ ފައިސާ ޖަމާވަނީ ހަފްތާ ބަންދު ނިމިގެންނެވެ. ޖެހިޖެހިގެން ބަންދުތަކެއް އަންނަ ދުވަސްކޮޅެއްގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވަން، ހިތަށް އަރުވަން ވެސް ހެޔޮ ނުވާނެ އެވެ. ޗުއްޓީ ނިމި ބޭންކުތައް ހުޅުވަން ދެން އިންތިޒާރުގައި ހުރުން ނޫން ގޮތެއް ނެތެވެ. އެކަމަކު މި ހަގީގަތްތަކަށް ބަދަލު އައުމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ. ފައިސާގެ މުއާމަލާތްތައް އަވަސް ވާނެ ބަދަލެކެވެ. ރައްކާތެރި ބަދަލެކެވެ. އަދި އެހާމެ ފަސޭހަ ބަދަލެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކުރުމަށް ތައްޔާރުވަމުންދާ މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމުން މި ބަދަލު ފެނިގެންދެ އެވެ.
ފައިސާގެ މުއާމަލާތްތައް ވަގުތުން ވަގުތަށް
ބޭންކު މެދުވެރިކޮށް ވަގުތުން ވަގުތަށް ފައިސާ ފޮނުވާނަމަ މި ވަގުތު އެފަދަ ހިދުމަތެއް ލިބެނީ ފޮނުވާ އެކައުންޓާއި ލިބޭ އެކައުންޓު އެއް ބޭންކެއްގައި އޮންނަނަމަ އެވެ. ނަމަވެސް، މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކުރެވޭ ކޮންމެ މުއާމަލާތެއް ވެސް ވަގުތުން ވަގުތަށް ޕްރޮސެސްވެ، ފައިސާ އެކައުންޓަށް ޖަމާވާނެ އެވެ. މި ސިސްޓަމްގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަކީ ބަންދު ގަޑިއަކަށް ހަފްތާ ބަންދަކަށް ހުއްޓުން އަރާނެ ކަމެއް ނޫނެވެ. ކޮންމެ އިރެއްގައި ކޮންމެ ތާކު ހުރެ، ކޮންމެ ބޭންކެއްގެ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާއެކު ވަގުތުން ވަގުތަށް މި ސިސްޓަމުން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ.
ފައިސާގެ މުއާމަލާތްތައް ފަސޭހަވެގެން ދާނެ
ފައިސާ ހޯދުމަށް ފޮނުވާލެވޭ ރިކުއެސްޓުތަކާއި ކަސްޓަމަރުންނަށް ފަސޭހައިން އެކްސަސްވެވޭނެ ގޮތަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ފޯނުގެ ޒަރީއާއިން ވަގުތުން ފޮނުވާލެވޭ ޕޭމަންޓްތަކާއެކު އެތަކެއް ފަސޭހައެއް މިއާއެކު އަންނާނެ އެވެ. ބޭންކިންގެ ފުރިހަމަ ހިދުމަތް ލިބިފައިނުވާ ގިނަ ރަށްތަކެއް ހުރިއިރު މި ސިސްޓަމުން ފަހިކޮށްދޭ ހިދުމަތްތަކުގެ ސަބަބުން، މާލީ މުއާމަލާތްތައް ކުރުމަށް އެއްރަށުން އަނެއް ރަށަށް ކުރާންޖެހޭ ދަތުރުތަކުން އަރައިގަނެވި ރަށުގައި ތިބެ މުއާމަލާތްތައް ނިންމައިލެވެ އެވެ.
ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުން
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، މި ސިސްޓަމް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތް ކުރެވޭނީ މިފަދަ ސިސްޓަމްތަކުގައި ބޭނުންކުރާ ސަލާމަތީ ކަންކަން ކަށަވަރު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ. މީގެ އިތުރުން، ފައިސާގެ މުއާމަލާތެއް ކުރުމާއެކު ފޮނުވި ފަރާތާއި ޖަމާވި ފަރާތަށް ވެސް ވަގުތުން ނޮޓިފިކޭޝަނެއް ލިބިގެންދާނެ އެވެ. މިއީ ވިޔަފާރީގެ މުއާމަލާތްތަކުގެ ޔަގީންކަން އިތުރެވެ، މުއާމަލާތްތައް މޮނިޓާކޮށް ބެލެހެއްޓުމަށް ލިބިގެންދާނެ ފަސޭހައެކެވެ. ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ރައްކާތެރިކަން ޔަގީންކުރެވިފައިވާ ސިސްޓަމެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމުން، ނަގުދު ފައިސާ އާއި ޗެކު ފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހޭ މިންވަރު މަދުވެ އަދި ދިމާވަމުންދާ ހިރާސްތައް ނެތިގެންދާނެ އެވެ.
ކުރިމަގުގައި ހުޅުވިގެންދާނެ ފަހި ފުރުސަތުތައް
މި ނިޒާމު ގާއިމުކޮށް ހިދުމަތައް ހުޅުވާލުމާއެކު މި ސިސްޓަމްގެ ބޭނުން ކޮށްގެން ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ފަހިކޮށް، ފުޅާކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގު ހުޅުވިގެންދާނެއެވެ. މިގޮތުން، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމުގައްޔާއި ވިޔަފާރި މުއާމަލާތްތަކުގައި ޒަމާނީ ޕޭމަންޓްސް އެޕްފަދަ ވަސީލަތްތައް މެދުވެރިކޮށް ސީމްލެސް ޓްރާންސެކްޝަންތައް ހެދޭނެ ފަދަ ހިދުމަތްތައް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ބޭންކު އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. އެގޮތުން، ބޭންކެއްގައި އެކައުންޓެއް ނެތްކަމުގައި ވިޔަސް މި ސިސްޓަމް މެދުވެރިކޮށް ސިސްޓަމްގައި ބައިވެރިވާ ފަރާތެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނެ އެވެ.
ފައިސާދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒާއެކު އެމްއެމްއޭ އިން ފަށާފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ ނިމި ހިދުމަތް ފަށާއިރު މި ސިސްޓަމްގައި ބައިވެރިވެފައިވާ ބޭންކުތަކުގެ ކަސްޓަމަރުންނަށް ސިކުންތުކޮޅެއްގެ ތެރޭގައި އެއްބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެ އެވެ.
މި ސިސްޓަމްގެ ހިދުމަތް ފަށާއިރު މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ޓެސްޓުތައް ކުރަމުންދަނީ 3 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.
ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ބޭންކުތަކުން މި ސިސްޓަމާ ގުޅިފައިވާ އިރު އެހެނިހެން ބޭންކުތަކުން ވެސް އަންނަނީ މި ސިސްޓަމްގައި ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް ވެ އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން، މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ޓެސްޓުތައް ހެދުމުގެ މަރުހަލާ އެވެ.