އުމުރުން ދުވަސްވާ ވަރަކަށް ކުރިމަތިވާ ސިކުނޑީގެ މައްސަލަތަކަކީ އާއިލީ ގޮތުން ވާރުތަވާ ކަމެއް ކަމަށް ސައިންސްވެރިން ހެދި ދިރާސާއަކުން ސާބިތުވެއްޖެ އެވެ.
މިފަހަކާ ޖެހެންދެން އުމުރުން ދުވަސްވުމުން ސިކުނޑިއަށް އަސަރު ކުރަނީ ކީއްވެގެންކަން ސައިންސްވެރިންނަށް ވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
އެހެން ނަމަވެސް އެންމެ ފަހުން ހެދި ދިރާސާގައި މިކަން މެދުވެރި ވުމުގައި ޖެނެޓިކް ފިންގަޕްރިންޓް ދައުރެއް އަދާ ކުރާކަން ވަނީ ކަށަވަރުވެފަ އެވެ.
މީދާ ބޭނުން ކޮށްގެން ހަދާފައިވާ މި ދިރާސާއިން އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް އެންމެ ބޮޑަށް އަސަރު ކުރަނީ ސިކުނޑީގައި ހުންނަ ޓިޝޫއެއް ކަމަށްވާ ވައިޓް މެޓާ އަށެވެ.
މި ވައިޓް މެޓާއަށް ގެއްލުންދޭ ޖީންސްއަކީ މައިންބަފައިންނާއި ދުރު ތިމާގެ މީހުންގެ ކިބައިން ވެސް ވާރުތަ ވެދާނެ ޖީންސްއެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
މި ހޯދުމާއެކު ސިކުނޑީގެ މައްސަލަތައް ކުރިމަތިވާ އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ކުރުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
އެމްނީޒިއާ، އެލްޒައިމާސް އަދި ޕާކިންސަންސް ޑިޒީސް ފަދަ ބަލިތަކަކީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާއްމު ވަމުން އަންނަ ސިކުނޑީގެ ބަލިތަކެވެ.